އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުސްއަބު އަބްދުﷲ މިއަދު ސަސްޕެންޑުކޮށްފިއެވެ.

ޕާމަނަންޓް ސެކްރެޓަރީންނަކީ އަކީ މިނިސްޓްރީތަކުގައި ތިބޭ ސިވިލް ސާވިސްގެ އެންމެ އިސް މުވައްޒަފުންނެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ މިއަދު "ސަން"އަށް ވިދާޅުވީ އެ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން 30 ދުވަހުގެ މުއްދަތަކަށް އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމެއް އެނާ ހާމައެއް ނުކުރައްވައެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މުސްއަބު ހަމަޖެއްސީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.

އޭނާއަކީ މީގެ ކުރިން އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީކަންވެސް ކުރައްވާފައިވާ ފަރާތެކެވެ.

މުސްއަބު ސަސްޕެންޑުކޮށްފައިވާއިރު މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިން މައްސަލާގައި މިނިސްޓްރީއިން ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ސިސިލްފަރު ހައްޖު ގްރޫޕުން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. ނަމަވެސް، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމައިފައެވެ. ސިވިލް ކޯޓުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ސިސިލްފަރުން މައްސަލަ ހުށަހެޅިއެވެ.