ހައްޖަށްދާން ޕެންޝަން އޮފީހުން ފައިސާދޫކުރާ ގަވައިިދު އާންމުކޮށްފިއެވެ.

އިއްޔެ އެ ގަވައިދަށް އަމަލުކުރަން ފަށައިފައިވާއިރު އެ ގަވައިދުގެ ދަށުން، ހައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރާނީ ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. އަދި ބުނީ އެ ފަރާތްތަކުގެ ރިޓަޔަމަންޓް ސޭވިންގ އެކައުންޓު ބެލެންސްގެ ގޮތުގައި 336,000 ރުފިޔާއަށް ވުރެ މަތީ އަދަދެއް ޖަމާކޮށްފައި ހުންނަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ހައްޖަށް ދިއުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހުށަހަޅާ ފަރާތަކީ އެ ގަވާއިދުގެ ދަށުން، ޕެންޝަން އޮފީހާއެކު އެއްބަސްވުން ހަދާފައިވާ ހައްޖު ކުންފުންޏަކުން ކޯޓާ ހަމަޖެހިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށާއި، ޕެންޝަން އެކައުންޓުގެ ފައިސާއިން ގެދޮރު ގަތުމަށް ކޮލެޓަރަލައިޒްކުރުމުން ނުވަތަ އެހެން ސަބަބަކާ ހެދިވެސް އެ މީހެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓިފައި އޮވެގެން ނުވާނެ ކަމަށެވެ.

ޕެންޝަން އޮފީހުން ބުނީ އެ ގަވައިދުގެ ދަށުން ހައްޖަށް ދިއުމަށް ޕެންޝަން ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވަނީ ފައިސާ ދޫކުރުމަށް އެދޭ ފަރާތް ހައްޖަށް ދިއުމަށް ހުށަހަޅާ އަހަރު ހައްޖަށް ދިއުމުގެ އަގު ކަމުގައި ސަރުކާރުން ކަނޑައަޅާ އަގުގެ 50 ޕަސަންޓު ކަމަށެވެ.

ހައްޖަށް ދިއުމަށް ޕެންޝަން ފައިސާ ބޭނުންކުރުމަށް އެދި ހުށަހަޅާނީ އެމީހަކު ހައްޖަށް ގެންދާ ކުންފުނިން އެކަމަށް ކަނޑައަޅާ ފޯމު މެދުވެރިކޮށް އެ ތަނަކަށް ކަމަށްވެސް ޕެންޝަން އޮފީހުން ބުންޏެވެ.

އަދި ހައްޖު ކުންފުނިން މި މައުލޫމާތު ޕެންޝަން އޮފީހާ ހިއްސާކުރުމުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ހައްޖަށް ދިއުމަށް ޝަރުތު ހަމަވާ މެންބަރެއްތޯ ކަށަވަރުކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތެއްނަމަ ހައްޖަށް ދިއުމަށް ދައްކަންޖެހޭ އަގުކަމުގައި ސަރުކާރުން ކަނޑައަޅާފައިވާ އަގުގެ ދެބައު ކުޅަ އެއްބައި، އެ މެމްބަރަކު ހައްޖަށް ގެންދާ ފަރާތާ ހަވާލުކުރެވޭނެކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.