23 Oct 2011, 17:51
ހއ. ބާރަށު ކައުންސިލަރު މަގާމުގައި ކުރިން ހުންނެވި އެ ރަށު ގޯލްޑަން ހައުސް އަލީ ޝަމީމާއި ހއ. އަތޮޅު އޮފިސް ހިންގެވުމާ ހަވާލުވެ ހުންނެވި (ސްޓޭޓް ފޯ ހޯމް އެފެއާޒުގެ ނައިބުގެ) މަގާމުގައި ހުންނެވި ހއ. ދިއްދޫ ޖަރީމާގޭ އާދަމް ނަސީރު (ފޮޓޯގައި) ކޮރަޕްޝަނުގެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އަށް ފޮނުވައިފި އެވެ.
އޭސީސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނި ބާރަށު ކައުންސިލަރު ކަމުގެ މަގާމުގައި އަލީ ޝަމީމު ހުންނެވި ދުވަސްވަރު ޤަވާޢިދާ ޚިލާފަށް އޭނާގެ ޢާއިލާ މީހުންގެ ގޭގެ އަށް ބިން އިތުރުކުރަމުންދާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ ބެލި އިރު، ދިވެހި ރާއްޖޭގެ ބިމާ ބެހޭ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ، އެ މައްސަލަ ޝަރީއަތަށް ހުށައެޅުމަށް ޕީޖީއަށް ފޮނުވީ ކަމަށެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައި ވަނީ ބާރަށުން ބިން އިތުރުކުރުމުގައި ރަށުގެ އިޖްތިމާޢީ ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް ބޭނުން ކުރެވޭނެ ކަމަށް ފެންނަ ބިންތަކާއި ކުރިން އަތޮޅު އޮފީހުންނާއި ރަށު އޮފީހުން އިތުރުކޮށް ނުދިނުމަށް ނިންމާފައި ހުރި ބިންތައް، އޭރުގެ އަތޮޅު އޮފީސް ހިންގެވުމާ ހަވާލްވެ ހުންނެވި އިސްވެރިއެއްގެ ހައިސިއްޔަތުން އާދަމް ނަސީރު ހުއްދަ ދެއްވުމުން ބިން އިތުރުކޮށްދީފައިވާތީ އާދަމް ނަސީރު ވެސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަށް ނާޖައިޒު ފައިދާއެއް ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށް ސާބިތުވާ ކަމަށް ބަޔާނުގައިވެ އެވެ.
".... މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ފުރަތަމަ ވަކި ބަޔަކަށް ބިން އިތުރުކޮށްދިނުމުން ފަހުން އެކަން ޢާންމުވެ ގިނަ ގޯތިތަކެއްގެ ބިން އިތުރުކޮށްދޭން ޖެހި ރަށުގެ މަޞްލަޙަތު ގޯސްވެފައި ވާތީ، އެކަށީގެންވާ ސަބަބުތަކެއް ނެތި މަޤާމުގެ ހައިސިއްޔަތުން ލިބިދޭ އިޚްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދިވެހިރާއްޖެ އިން ދިރިއުޅުމަށް ބިން ދޫކުރެވޭނެ އެންމެ ބޮޑުމިން ކަމަށްވާ ހަތަރު ހާސް އަކަފޫޓަށް ވުރެ ބޮޑުވާ ގޮތަށް ގިނަ ބިންތަކެއް ބޮޑުކޮށްދިނުމަށް އާދަމް ނަސީރު ހުއްދަ ދެއްވާފައިވެ އެވެ. އަދި މިކަން މިގޮތަށް ކޮށްފައި ވަނީ ބާރަށު ކުރީގެ ކައުންސިލަރު ޢަލީ ޝަމީމް ކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވެ އެވެ." އޭސީސީގެ ބަޔާނުގައިވެ އެވެ.
އޭސީސީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މި ދެ ބޭފުޅުންގެ މައްޗަށް ކޮރެޕްޝަން ހުއްޓުމާއި މަނާކުރުމުގެ ގަނޫނުގެ ދަށުން މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ވަކިފަރާތަށް ނާޖައިޒު ފައިދާއެއް ހޯދަ ދިނުމަށް މަސައްކަތް ކޮށްފައި ވާތީ އެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ޕީޖީއަށް މިމަހުގެ 16 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.