ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ރޭ އައްޔަން ކުރި ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވުމުގައި މަޖިލީހުގައި ހިނގާ ބަހުސްގައި ބައިވެރިވަމުން ދާ ކަމަށް ބުނެ އިދިކޮޅު ބައެއް މެންބަރުން މިއަދު ޝަކުވާ ކޮށްފި އެވެ.

ނަވާރަ ވަނަ ރައްޔިތުން މަޖިލީހުގެ ދެވަނަ ޖަލްސާ މިއަދު 10:00 ގައި ފެށުނު އިރު، އެންމެ މުހިންމު އެއް ކަމަކަށް އޮތީ ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ހޮވުމުގެ މައްސަލަ އެވެ.

އެ މައްސަލައިގެ ބަހުސްގައި އެކި މެންބަރުން ތަފާތު ހިޔާލުތައް ފާޅުކުރައްވަމުން ގެންދެވި އެވެ. ހާއްސަކޮށް ގިނަ މެންބަރުން ވިދާޅުވަމުން ގެންދެވީ ޖުޑިޝަރީ އިސްލާހު ކުރަން މަޖިލީހުން ވީހާ ވެސް އަވަހަށް މަސައްކަތް ކުރުމަށެވެ. އަދި ޖޭއެސްސީގެ ފޯމޭޝަން ބަދަލުކޮށްގެން ނޫނީ ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ބަހުސްތަކާ ގުޅިގެން ނަޝީދު ރިޔާސަތުގައި އިންނަވާ ވިދާޅުވީ، ޖޭއެސްސީ އިސްލާހުކުރުން ވަރަށް މުހިންމު ކަމަށް ހުދު އެމަނިކުފާނު ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ޖޭއެސްސީ އިސްލާހު ކުރުމުގެ މުހިންމުކަން މެންބަރުން ވެސް ދާއިރާގެ ރައްޔިތުންނަށް ވިސްނައި ދެއްވުމަށް ވެސް ނަޝީދު އެދިވަޑައިގެންނެވި އެވެ. އަދި ވިދާޅުވީ ޖޭއެސްސީގެ ފޯމޭޝަން އިސްލާހު ކުރުމުގެ މަސައްކަތް އަވަސް ކުރަން ބޭނުން ވާނަމަ، މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވައިގެން ވެސް އެކަން ކުރެވިދާނެ ކަމަށާއި މެންބަރުން އެދޭ ނަމަ އެކަން ކުރުމަށް މަޖިލީހުގެ ރިޔާސަތުން އެއްބާރުލުން ދޭނެ ކަމަށެވެ.

ނަމަވެސް، ނަޝީދު ބަހުސްގެ މެދު ތެރެއިން މިހާ ދިގުކޮށް ވާހަކަ ދެއްކެވުމުުން ނިޒާމީ ނުކުތާ ނަންގަވާ، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މަޖިލީހުގެ މެންބަރުން ކުރަމުން އަންނަ ބަހުސްގައި މަޖިލިސް ރައީސް ބައިވެރިވެ ހިޔާލު ފާޅުކުރައްވާކަން ފާހަގަވާ ކަމަށެވެ. އެކަމަކު އެކަމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި ގަވާއިދު އެކަމަށް ތަން ނުދޭ ކަމަށް މެންބަރުން ވިދާޅުވި އެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް)ވެސް ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް މީގެ ކުރިން ކުރިއަށް ގެންދަނީ އެކަށީގެންވާ ހުސް ވަގުތުވެސް މެންބަރުންނަށް ދެއްވައިގެން ކަމަށާއި ނަމަވެސް އެ ގޮތާ ހިލާފަށް ނަޝީދު އަމަލުކުރައްވާ ކަމަށެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ ޝަކުވާއަކަށް ވީވެސް މެންބަރުންނަށް ރައްދު ދެއްވައި ނަޝީދު އެމަނިކުފާނުގެ އަމިއްލަ ހިޔާލުތައް ތަޅުމާ ހިއްސާ ކުރައްވަމުން ގެންދިޔުމެވެ. އާމިރުވެސް ވިދާޅުވީ އެއްވެސް އުސޫލަކުން ނަޝީދަށް އެކަން ނުކުރެއްވޭނެ ކަމަށެވެ.

"ނިޒާމީ މައްސަލައެއް މެމްބަރަކު ނެންގެވީމާ، މަޖިލިހުގެ ރައީސް ކަމުގައި ހުންނެވި ބޭފުޅަކު ދެކެވަޑައިގަންނަވާ ގޮތެއް ވިދާޅެއް ނުވެވޭނެ. މަޖިލިހުގެ ގަވައިދުގައި ވެސް އެއީ ހުއްދަކުރާ ކަމެއް ނޫން،" މެންބަރު އާމިރު ވިދާޅުވި އެވެ.

އެ ޝަކުވާތަކަށް ރައްދުދެއްވައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު ވާހަކަ ދައްކަވަނީ ހަމައެކަނި މެންބަރުން ދައްކަވާ ވާހަކަތައް ހުލާސާކޮށްލެއްވުމަށް ކަމަށެވެ. އަދި އެއީ ބަހުސްގައި ބައިވެރިވުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ވާހަކަފުޅުތައް ދިފާއު ކުރެއްވި އެވެ.

"އެއްވެސް މިންވަރަކަށް ބަހުސްގައި ބައިވެރިވާ ނަމަ، މެމްބަރު ފާހަގަކޮށް ދެއްވައިފި ނަމަ، އަޅުގަނޑު އިހްތިރާމް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ނިމިދިޔަ ދައުރުގެ ގަވާއިދު ބަލައިގަނެ، އެ ގަވާއިދު އިސްލާހު ކުރުމަށް 11 މެންބަރުންގެ ކޮމިޓީއެއް ނަގައިފަ އެވެ. އެ ކޮމިޓީއިން އެ ގަވާއިދު އެއް މަސް ތެރޭ އެއްކޮށް ނިންމައި ތަޅުމަށް ފޮނުވަން ޖެހެ އެވެ. މީގެ އިތުރުން، އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޖިލީހުގައި ތަގުރީރު ކުރުމަށް މިއަދު ވަނީ ރުހުން ވެސް ދީފަ އެވެ.

މިއަދު 10:00 ގައި ފެށި ޖަލްސާ ހުސްވަގުތުކޮޅަށް މެދުކަނޑާލީ 12:00 އެހާއިރު އެވެ. އަދި އަލުން ޖަލްސާ ފެށީ މެންދުރު 1:00 ގެ ފަހުން އެވެ.

ނަމާދު ވަގުތަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމަށް ބައެއް މެންބަރުން މިއަދު އެދިވަޑައިގަތެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ ހުސްވަގުތު ކޮޅު އޮންނަނީ، އެ ހުރިހާ ކަމަކަށް ބަލާފައި ކަމަށާއި ނަމާދު ކުރަން ވަގުތުން ދާން ބޭނުންވާ ބޭފުޅުންނާއި އެހެން ވެސް ޒަރޫރީ ކަމެއްގައި ޗެމްބަރުން ބޭރަށް ނުކުތުމުގެ ފުރުސަތު އަބަދުވެސް މެންބަރުންނަށް އޮންނާނެ ކަމަށެވެ.

"އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް އޮންނަ އުސޫލުތަކުގެ ތެރެއިން މި މަޖިލިސް ހިނގަމުން ދާނެ ކަމުގެ ޔަގީންކަން އަރުވަން،" ނަޝީދު މިއަދު ވިދާޅުވި އެވެ.

ދެން މަޖިލީހުގެ ޖަލްސާއަށް އޮންނާނީ އަންނަ ހޯމަ ދުވަހުކަން މިއަދުގެ ޖަލްސާ ނިންމާލައްވަމުން އިއުލާން ކުރެއްވި އެވެ.