ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހުކުރުމަށްން 11 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި، މަސް ދުވަސްތެރޭގައި އެ ގަވައިދު އިސްލާހުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވައިދު 30 ދުވަސް ތެރޭގައި އެކުލަވާލަން 11 މެމްބަރުގެ ވަގުތީ ކޮމިޓީއެއް ނަގަން މަޖިލީހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. އެ ހުށަހެޅުމަށް މިއަދު ޖަލްސާގައި ބައިވެރިވެ ވަޑައިގެން 79 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އަލީ އާޒިމް ވިދާޅުވީ 18 ވަނަ މަޖިލިސް ހިނގާ ނިމިދިޔައީ 17 ވަނަ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށެވެ. އަދި 17 ވަނަ މަޖިލީހުގެ ގަވައިދު އިސްލާހުކޮށް 18 ވަނަ މަޖިލީހުގައި އަލުން ފާސް ކުރުމަށް ނިންމި ނިންމުން އޮތީ މަޖިލީހުގެ ރައީސްގެ މޭޒުކޮޅު މަތީގައި އޮތް ގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދުވަހެއް، ވަގުތެއް މި ގަވައިދު އިސްލާހުކުރުމަށް އެބަ ނިންމަންޖެހޭ." މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ގަވައިދު އިސްލާހުކޮށް އަލުން އެކުލަވާލައި ހުށަހަޅަން 30 ދުވަހުގެ މުއްދަތެއް ދޭން ޖެހޭ ކަމަށެވެ.

މަޖިލީހުގައި މިހާރު އޮތް ގަވައިދުގައި މެމްބަރުންގެ ނަޒާހާތްތެރިކަމުގެ ވާހަކަ އޮތް މިންވަރު ކުޑަކަމަށް އާޒިމް ވިދާޅުވިއެވެ. މަޖިލީހުގެ މެމްބަރުންގެ އެކައުންޓުތަކާއި ދަރިންގެ އެކައުންޓުތަކުގެ ހިސާބުތައް އެނގެން ޖެހޭ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

ގަވައިދު އެކުލަވާލާ ކޮމިޓީގެ މެމްބަރުން

  • މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
  • ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
  • ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
  • ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
  • ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  • އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
  • މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
  • ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
  • ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުއްލްޣަފޫރު މޫސާ

މަޖިލީހުގެ ގަވައިދާ ބެހޭގޮތުން ބަހުސް މަރުހަލާގައި ގިނަ ވާހަކަތަކެއް ދެއްކެވި އެވެ. އެގޮތުން މަޖިލީހުގެ ކޮންމެ ދައުރެއް ފަށާއިރު ގަވައިދު އަލުން ބަލައިގަނެ، އަމަލު ކުރަމުންދާ އުސޫލަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގައި ބުނާ ގަވައިދު ވަނީ ވުޖޫދަށް އައިސްފައި ކަމަށެވެ. މީގެ ކުރިން މަޖިލިސްތަކުގައި އެ ގަވައިދު ބަލައިގަންނަން ފެނޭތޯ ނުވަތަ ނޫންތޯ ބަހުސްކުރެވުނު ނަމަވެސް ގާނޫނީ ގޮތުން އެއީ މާ ހަމަޖެހޭ ކަމެއް ކަމަށް ނުފެންނަ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ކޮންމެ މަޖިލީހަކުން މަޖިލީހުގެ ގަވައިދެއް ފާސްކުރަން ނުޖެހޭނެ ކަމަށެވެ. ކޮންމެ މަޖިލީހެއްގެ ދައުރު ނިމޭއިރު ގަވައިދު އުވޭކަމަށް ގަބޫލުކުރާނަމަ މަޖިލީހުގެ އިދާރީ ކަންކަން ގަވައިދެއް ނެތި ހިނގާ ދުވަސްކޮޅެއް ދާ ކަމަށް ބެލެވޭނެކަމަށްވެސް އުޝާމް ވިދާޅުވިއެވެ.