އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހުއްދަ ދޭން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ހުއްދައަށް އެދި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި މައްސަލަގައި މިއަދު މަޖިލީހުގައި ނެގި ވޯޓްގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އަގުލަބިއްޔަތުން ވަނީ އެކަމަށް ރުހުން ދޭން ފެންނަ ކަމަށް ނިންމައިފަ އެވެ. އެ ވޯޓްގައި 80 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިވި އިރު، ހުރިހާ މެންބަރުން ވެސް ވޯޓް ދެއްވީ އެއީ ފެންނަ ކަމެއްގެ ގޮތުގަ އެވެ.

މޯދީ ރާއްޖެއަށް ވަޑައިގަންނަވަނީ އަންނަ މަހު 7-8 އަށެވެ. މިއީ އެމަނިކުފާނަށް އާންމު އިންތިހާބުގައި ލިބުނު ކާމިޔާބަށް ފަހު އެމަނިކުފާނު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެ މައްސަލައަށް މިއަދުގެ މަޖިލިސް ތަޅުމުގައި ބަހުސް ކުރެއްވި ހުރިހާ ޕާޓީތަކެއްގެ މެންބަރުން ވެސް ވިދާޅުވީ ގައުމެއްގެ ހެޑް އޮސް ސްޓޭޓެއް މަޖިލީހުގައި ތަގުރީރު ކުރެއްވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް ގައުމުތަކުގެ ވެރިން މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރައްވާފައިވާ ކަމަށް މެންބަރުން ވިދާޅުވި އެވެ. މެންބަރުން ވިދާޅުވި ގޮތުގައި އިންޑިއާ އަކީ ރާއްޖެއާ އެހާ ގާތް ގައުމަކަށް ވާއިރު، އެ ގައުމުގެ އިސްވެރިޔާ ރާއްޖެ ވަޑައިގަންނަވާއިރު އެ ޝަރަފު އެމަނިކުފާނަށް ދެއްވަން ޖެހޭ ކަމަށެވެ.