ހޯމް މިނިސްޓަރު އެކުލަވާލި ޖަލުގެ ކަންކަން ބަލާ ކޮމިޓީއިން އެކުލަވާލި ޖަލުގެ އޮޑިޓް ރިޕޯޓަކީ، ދޮގު މައުލޫމާތު ހިމަނައިގެން ނެރެފައިވާ ޒިންމާދާރުކަން ކުޑަ ރިޕޯޓެއްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ބުނެފި އެވެ.

ޖަލު އޮޑިޓް ރިޕޯޓް އިިއްޔެ އާންމުކޮށްފައިވާ އިރު އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އޮޑިޓް ރިޕޯޓަކީ އެޗްއާރުސީއެމްއިން ބަލަމުން އަންނަ އަނިޔާކުރުމުގެ މައްސަލަތަކާއި، ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން، އެ ރިޕޯޓް އެކުލަވާލި ކޮމިޓީއަށް ކޮމިޝަނުން ދީފައިވާ މައުލޫމާތުތަކަށް ރިއާޔަތް ކުރުމުގެ ނެތި ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.

އެ ކޮމިޝަނުން އަދި ބުނީ، އެ ރިޕޯޓުގައި ކަމާބެހޭ އިދާރާތަކުން ރަނގަޅުކުރުމަށް ހުށަހަޅާފައިވާ ގިނަ ހުށައެޅުންތަކަކީ އެޗްއާރުސީއެމް އިން އެކި ފަހަރު މަތިން އެ އިދާރާތަކަށް ހުށަހަޅައި، އެކަންކަން ތަންފީޛުކުރުމަށް މަސައްކަތް ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ.

"މި ރިޕޯޓު އެކުލަވާލާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ކޮމިޝަން ފޯ ޕްރިޒަންސް އޯޑިޓްއަށް ފޯރުކޮށްދީފައިވާ މަޢުލޫމާތުތަކަށް ރިޔާޢަތްކުރުމެއް ނެތި، ހަގީގަތާ ހިލާފު މަޢުލޫމާތު ހިމަނައިގެން ނެރެފައިވާ ޒިންމާދާރުކަން ކުޑަ ރިޕޯޓެއްކަން ހިތާމައާއެކު ފާހަގަކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

ޖަލު އޮޑިޓްގައި ފާހަގަކޮށްފައި ހުރި މައްސަލަތަކުގެ ތެރޭގައި ގައިދީންއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދިނުމާއި ޖަލުގެ ބައެއް ގޮޅިތައް އިންސާނުން ބައިތިއްބަން ހެޔޮ ނުވާ ތަންތަން ގޮތުގާ ހުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.