29 May 2019, 13:36
ފަރީދީމަގުގައި ހުރި ގަހަކުން ބޮޑު ގޮފިގަނޑެއް ވެއްޓީ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު 11:57ގައި ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެ ގަހުގެ ގޮފިގަނޑު ވެއްޓުނީ ނޮވެލްޓީ ބުކްޝޮޕްގެ ކުރިމައްޗަށް ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވި ބަނގުލަދޭޝަން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ގަހުގެ ގޮފިގަނޑުން ޖެހި އެސަރަހައްދުގައި ހުރި ސައިކަލްތަކަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގައި މިއަދު ވެސް ވަނީ ވަރަށް ބޯކޮށް ވާރޭވެހިފަ އެވެ.
މެޓް އޮފީހުން ބުނީ މިއަދާ މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނަކަށް އާންމު ގޮތެއްގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.