ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ކަނޑައަޅަން މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ޖޭއެސްސީއަށް ހިސާން ކަނޑައަޅަން ވަނީ ފާސްކޮށްފަ އެވެ. 81 މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ.

ހިސާން އަކީ ގިނަ ދުވަސްތަކެއް ވަންދެން އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ވަކީލެކެވެ. އޭގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ސެކެޓްރީ ކަންވެސް ކުރައްވާފައިވެ އެވެ.

އަދި ހައި ޕްރޮފައިލް ކޭސް ތަކުގައި ކޯޓުތަކުގައި ހިސާން ވަނީ ވަކާލާތު ކުރައްވާފަ އެވެ. ހިސާން އަކީ ޖުޑިޝަރީ އިސްލާހު ކުރަން ޖެހޭ ކަމަށް އަޑު އުފުލަމުންދާ ވަކީލެކެވެ.

މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް ރޭ ވަނީ ޖޭއެސްސީ މެމްބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ.