23 Oct 2011, 17:23
ސިރްތު (އޮކްޓޯބަރ 23) : ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީ އަވަހާރަކޮށްލުމުގެ ކުރިން އޭނާ ކުރައްވާފައިވާ ވަސިއްޔަތްތަކެއް ހާމަވެއްޖެ އެވެ. ގައްޒާފީ އަށް ވަފާތެރި ބަޔަކު ހިންގާ ވެބްސައިޓެއް ކަމަށްވާ "ސިފެންޑައިޒް ނިއުސް" ބުނާ ގޮތުން ގައްޒާފީގެ އަތްޕުޅުން ލިޔުއްވާފައިވާ މިވަސިއްޔަތްތައް ފައްޓަވާފައި ވަނީ ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކާއި ޝަހާދަތުގެ ދެކަލިމައާއެކުގަ އެވެ.
ވަސިއްޔަތުގެ މިލިޔުން ގައްޒާފީ ލިޔުއްވީ ލީބިޔާގެ ހަނގުރާމަވެރިންގެ އަތުން ސަލާމަތް ނުވާނެކަމާއި ހަނގުރާމަވެރިންގެ އަތްދަށުން އަވަހާރަވާނެކަން ކަށަވަރު ވުމުން މިއޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް ވެސް "ސިފެންޑައިޒް ނިއުސް" ބުނެ އެވެ. ގައްޒާފީގެ ލިޔުއްވުމުގައި އޭނާ ވަސިއްޔަތް ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި އޭނާ އަވަހާރަވި ވަގުތު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅާ އެކު ނުހިނަވައި އިސްލާމީ ޝަރީޢަތާ އެއްގޮތަށް ފަސްދާނުލުން ހިމެނެ އެވެ. ފަސްދާނުލުމަށް އެދިވަޑައިގެންފައި ވަނީ އުފަންރަށް ކަމަށްވާ ސިރްތުގައި އޭނާގެ ޢާއިލާގެ ބޭފުޅުން ވަޅުލާފައިވާ މަޤްބަރާގައި އެމީހުންގެ ކަށްވަޅުތަކުގެ ކައިރީގަ އެވެ.
ގައްޒާފީގެ ލިޔުއްވުމުގައި އޭނާގެ ޢާއިލާއަށް ގޯނާ ނުކުރުމަށާއި އަދި ޚާއްސަކޮށް އޭނާގެ ޢާއިލާގެ އަންހެން މެންބަރުންނަށާއި ކުޑަކުދިންނަށް (އަނބިކަނބަލުންނާއި އަންހެން ދަރިންނަށާއި ކާފަދަރިންނަށް) ހެޔޮކޮށް ހިތުމަށް ހަނގުރާމަވެރިންނަށާއި ލީބިޔާގެ އައު ވެރިންނަށް ވަސިއްޔަތް ކުރައްވާފައިވެ އެވެ.
ގައްޒާފީގެ ވަސިއްޔަތު ލިޔުމުގައި ދުނިޔޭގެ ބައެއް ޤައުމުތަކުން އޭނާއަށާއި ޢާއިލާއަށް ޙިމާޔަތް ދިނުމަށް ހުށަހެޅި ކަމަށާއި މިކަން ޤަބޫލުކުރުމަށް ދުނިޔޭގެ ވަރަށް ގިނަ ލީޑަރުން އޭނާ އަށް އިލްތިމާސް ކުރެއްވި ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެހުށަހެޅުންތައް ޤަބޫލުނުކުރެއްވީ އަމިއްލަ ޤައުމުގެ ފަސްގަނޑުގައި ޝަރަފުވެރިކަމާ އެކު "ޝަހީދު"ވުމުގެ އެދުންފުޅުގައި ކަމަށާއި ސަލީބީ ހުޅަނގާއި ހުޅަނގުގެ "އެޖެންޑާ" ތަންފީޒުކުރަމުން ގެންދިޔަ ލީބިޔާގެ "ޚާއިނުންނާ" ދެކޮޅަށް "ޤައުމުގެ ދިފާޢުގައި" ކުރައްވަމުން ގެންދަވަނީ "ޖިހާދެއް" ކަމަށް ވެސް ގައްޒާފީ ލިޔުއްވާފައިވެ އެވެ.
ގައްޒާފީގެ ވަސިއްޔަތް ނިންމަވާލައްވާފައި ވަނީ އޭނާގެ ޢާއިލާއަށާއި "ދުނިޔޭގެ ވަފާތެރިންނަށް" ވަދާޢުގެ އެންމެ ފަހުގެ ސަލާމް ރައްދުކުރުމަށް އެދިވަޑައިގަންނަވަމުން ކަމަށް ވެސް "ސިފެންޑައިޒް ނިއުސް" ވެބް ސައިޓް ބުނެ އެވެ. ގައްޒާފީ އަށް ނިސްބަތްވާ ވަސިއްޔަތުގެ މިލިޔުމަކީ އޭނާ ލިޔުއްވާފައިވާ ލިޔުއްވުމެއްކަން ނޫނީ އޭނާއަށް ތާއީދުކުރާ ފަރާތަކުން އޭނާގެ ނަމުގައި ލިޔެފައިވާ އެއްޗެއްކަން ކަށަވަރެއް ނުވެ އެވެ. (ޖަރުމަނު ނޫސްއެޖެންސީ)