29 May 2019, 12:06
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން މިނިވަން ކުރުމަށް އެ ކޮމިޝަން އެކުލަވާލާފައި އޮތް ގޮތް ބަދަލު ކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ކުރިއަށް ދިޔައީ ޖޭއެސްސީއަށް މަޖިލީހުން މެމްބަރެއްގެ ނަން ހުށަހެޅުމާއި ބަހުސް ކުރުމެވެ.
މިއަދުގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވީ ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ބޭފުޅަކާއި ބަންޑާރަނައިބާއި މަޖިލީހުގެ ރައީސް އަދި މަޖިލީހުން އުފަން ކުރާ އެހެން މެމްބަރަކާއި ތިބުމަކީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ކަމަށެވެ.
"އަތް ބާނައިގެން ޖުޑިޝަރީތެރޭގައި މޮހޮރު ޖަހައިގެން ކަންތައްތައް ކުރާ އުސޫލެއް މި ރާއްޖޭގައި މި އޮންނަނީ." ޖާބިރު ވިދާޅުވި އެވެ.
ޖުޑިޝަރީ މިނިވަން ކުރުމުގެ ވާހަކަ ދައްކާއިރު، ކުރަން ޖެހޭ އެންމެ ބޮޑު ކަމަކީ ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން ނުލުން ކަމަށް ޖާބިރު ވިދާޅުވި އެވެ. މަޖިލީހަށް ގާނޫނު އަސާސީ ބަދަލު ކުރެވޭ ގޮތަށް އޮތް ކަމަށާއި އެހެންވީމަ "މިއަދުން މިއަދަށް ގާނޫނު އަސާސީ ބަދަލުކޮށް" ޖުޑިޝަރީ މިނިވަން ކުރުމަށް ޖާބިރު ވަނީ ގޮވާލާފަ އެވެ.
ޖޭއެސްސީގައި ބަންޑާރަ ނައިބު އިންނަވާއިރު ދައުލަތުގެ މައްޗަށް ކުރާ ދައުވާތަކުގައި ޖަވާބުދާރީ ވަނީ ވެސް ބަންޑާރަ ނައިބު ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި ފަނޑިޔާރުން ހުކުމް ކުރަން ޖެހެނީ ބަންޑާރަ ނައިބު ވިދާޅުވާ ގޮތަކަށް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އިންނަވައިގެން ރާއްޖޭގެ ސިޔާސީ ކަންކަން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވަދެފައި ވަނީ މީގެ ކުރިން." މެމްބަރު ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް ރާއްޖޭގައި އޮތް އިރު ބާރުތައް އެއްކުރަމުން ގޮސް އެއްވެސް ބާރެއް އެހެން ފަރާތަކަށް ނޯންނަ ގޮތަކަށް ކަންތައްތައް ވަމުން ދާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ސީދާ ގުޅުއްވައި ފަނޑިޔާރުގެއަށް ގުޅުއްވައި ވަކިގޮތަކަށް ހުކުމް ކުރަން ބުނެފައި ހުރި ކަމަށް." ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ޖޭއެސްސީއަށް ސިޔާސީ މީހުން ލައިގެން ރާއްޖެ ރަނގަޅު ނުވާނެ ކަމަށެވެ.