29 May 2019, 11:48
ނ. ޅޮއްސާއި ރ. ކިނޮޅަހުގައި ކްލާސްރޫމެއް އެޅުމަށާއި ހއ. އިހަވަންދޫގައި އިމަޖެންސީ މެޑިކަލް ހިދުމަތް ގާއިމް ކުރުމަށް އިންޑިއާ އިން އެހީ ދީފި އެވެ.
މިއީ އިޖުތިމާއީ، އިގްތިސޯދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްތުތައް ހިންގުމަށް އިންޑިއާ އިން ރާއްޖެއަށް ދީފައިވާ 6.93 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ދިން އެހީ އެކެވެ.
މި އެހީގެ ދަށުން ކިނޮޅަސް އަދި ޅޮހީގައި، ކޮންމެ ރަށެއްގައި ހަ ކްލާސް ރޫމް އަޅާނެ އެވެ. ކްލާސްރޫމުތައް އެޅުމަށް 1.2 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ވަނީ ދީފަ އެވެ. މި ދެރަށުގައި އަޅާ ކްލާސްރޫމް ތަކަކީ ސްކޫލުތަކުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް އަޅާ ކްލާސްރޫމް ތަކެކެވެ.
މީގެ އިތުރުން 6.93 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން މިފަހަރު ދެން އެހީ ދީފައި ވަނީ އިހަވަންދޫގައި އިމަޖެންސީ މެޑިކަލްގެ ހިދުމަތް ތައާރަފް ކުރުމަށެވެ. އެ މަޝްރޫއަށް 483،707 ޑޮލަރު، 7.47 މިލިއަން ރުފިޔާ އިންޑިއާއިން ދޭނެ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން، އިހަވަންދޫ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ހިދުމަތް ދިނުމަށް ބޭނުންވާ ތަނެއް ތައްޔާރުކޮށް، އެތަނަށް ބޭނުންވާ ތަކެތި ހޯދާނެ އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މިފަދަ އިމަޖެންސީ ފަރުވާ ދެވޭނެގޮތެއް ރާއްޖޭގެ އެކި ކަންކޮޅުގައި ގާއިމުކުރުމުގެ މަގުސަދަކީ ކުއްލި ހާލަތުގައި ނުވަތަ ފުރާނައަށް ގެއްލުންވާ ހާލަތްތަކުުގަ އާއި ބަލިތަކުގައާއި އަވަސް ފަރުވާ ބޭނުންވާ ހާލަތްތަކުގައި އެފަދަ ފަރުވާ ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 6.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދޭން އެއްބަސްވީ މި އަހަރުގެ މާޗް މަހުގެ 17 އިން 18 އަށް އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ.