23 Oct 2011, 17:12
ކުރީގެ ޓީވީ މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑުގެ މުދާތައް މޯލްޑިވްސް ނެޝަނަލް ބުރޯޑް ކާސްޓިން ކޯޕަރޭޝަން ]އެމްއެންބީސީ[ އަށް ބަދަލު ކުރެވިފައިވާ ކަމަށް އެމްއެންބީސީގެ ވަކީލު ބުނި ނަމަވެސް އެ ދެ ތަނުގެ މުދާ އެމްއެންބީސީ އަށް ރަޖިސްޓްރީކޮށްފައިވާ އެއްވެސް ލިޔުމެއް އެމްއެންބީސީން ސިވިލް ކޯޓުގެ ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ]އެމްބީސީ[ގެ ވަކީލު ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުވާގައި ހިމެނޭ ނުކުތާތަކަށް އެމްބީސީގެ ފަރާތުން މައުޟޫއީ ގޮތުން ޖަވާބުދާރީ ވުމެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެމްބީސީގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ކުރީގެ ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުގެ މުދާތައް އެމްއެންބީސީ އަށް ބަދަލުކުރެވުނު ކަމުގެ އެއްވެސް ހެއްކެއް ގަރީނާއެއް އެމްއެން ބީސީ އިން ސިވިލްކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.
އަދި ދައުލަތުގެ މުދާ އެހެންތަނެއްގެ ދަށަށް ބަދަލުކުރެވޭނީ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެމަތިން ފިނޭސް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކަމަށް ކަމަށެވެ.
ނަމަވެސް ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުގެ މުދާތައް އެމްއެންބީސީ އަށް އެ އުސޫލުން ބަދަލުކޮށްފައި ނުވާކަމަށް ވެސް އެމްބީސީގެ ވަކީލު އާޒިމާ ވިދާޅުވި އެވެ.
އެހެން ގާނޫނުތަކާއި އެމްބީސީގެ ގާނޫނާ ތައާރަޒްވާ ކަމަށް ދައުވާގައި ވާތީ އާޒިމާ ވިދާޅުވީ އެމްބީސީގެ ގާނޫނާ ތައާރަޒުވާ އެއްވެސް މާއްދާއެއް އެހެން ގާނޫނެއްގައި ހިމެނޭ ނަމަ އެ ގާނޫނުގެ އެ މާއްދާއެއް އެމްބީސީގެ ގާނޫނުގެ ބޭނުމަށް ޓަކައި ބާތިލްކުރެވޭނެ ކަމަށް އެމްބީސީ ގާނޫގައިވާ ކަމަށެވެ. އަދި އެ މާއްދާ ބާތިލް ކުރެވޭނީ ޝަރުއީ ކޯޓަކަށް ހުށަހަޅައިގެން ކަމަށެވެ.
އަދި މިހާތަނަށް އެފަދަ މައްސަލައެއް ޝަރުއީ ކޯޓަކަށް ހުށަހެޅާފައިނުވާކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
އެމްބީސީގެ ވާހަކަތަކަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އެމްއެންބީސީގެ ވަކީލަށް ހުޅުވާލުމުން އެމްއެންބީސީގެ ވަކީލު ޝަހުދީ އަންވަރު ވިދާޅުވީ އެމްބީސީގެ ވާހަކަތަކަށް ޖަވާބުދާރީވުމަށް ވަގުތު ބޭނުންވާ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ ވިދާޅުވީ މި މައްސަލައިގެ އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެކަމަށެވެ.
އަދި ދެން އޮންނަ އަޑުއެހުމެއްގައި ދެ ފަރާތުން ވެސް ދައްކަން ޖެހޭ ވާހަކަތައް ދައްކައި ނިންމުމަށް ފަނޑިޔާރު އެދިވަޑައިގަތެވެ.