29 May 2019, 11:01
އާ ލަފުޒުތައް ހެދުމުގައި ދިވެހި ބަހުގެ އެކަޑަމީއިން މިހާރު ގެންގުޅޭ އުސޫލުތައް ބަދަލު ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮޓަރިތަކަށް ދީފައިވާ ދިވެހި ނަންތަކާ މެދު ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ.
އެކަމަށް އިޝާރާތް ކުރައްވާ، މިނިސްޓަރު ޔުމްނާ ވިދާޅުވީ އާ ލަފްޒުތައް ހަދަން ވާނީ ގިނަ ބަޔަކަށް ކިޔަން ފަސޭހަ އަދި ބަލައިގަންނަ އުސޫލަކުން ކަމަށެވެ. އަދި އާ ލަފްޒުތައް ތައާރަފް ކުރުމުގެ ކުރިން، އާންމުންގެ ހިޔާލު ވެސް ލަފްޒުތަކަށް ހޯދުން މުހިންމުކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.
"އާ ލަފްޒް ހެދުމުގެ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން... މިކަމާ މިގެންދަނީ ބަހުގެ އެކަޑަމީއާ މަޝްވަރާ ކުރަމުން،" މިނިސްޓަރު ޔުމްނާ ވިދާޅުވެފައިވެ އެވެ.
މި ފާުޑުކިޔުންތަކާ ގުޅިގެން، ދިވެހި ބަހުގެ އެކަޑަމީއިން ކުރި ޓްވީޓްތަކެއްގައި ބުނީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮޓަރިތަކަށް ދިވެހި ނަންތަކެއް ކީ އައިޖީއެމްއެޗްގެ އެދުމުގެ މަތިން އެކަޑަމީގެ ބޭފުޅުން އެ ހޮސްޕިޓަލަށް ގޮސް ދިރާސާތައް ވެސް ކުރުމަށް ފަހު ކަމަށެވެ. އަދި އާ ލަފުޒުތައް ހެދުމުގައި ބަލާފައި ވާނީ އާ ލަފުޒުތައް އުފެއްދުމަށް ދުނިޔޭގައި ވެސް ބޭނުން ކުރާ އުސޫލުތައް ކަމަށް ވެސް އެ އެކަޑަމީއިން ވަނީ ބުނެފަ އެވެ.
މި މަހުގެ ތެރޭގައި ހިދުމަތް ދޭން ފެށި ދަރުމަވަންތަ ހޮސްޕިޓަލްގެ، "ސްމޯކް ސްޓޮޕް ލޮބީ" އަށް ދީފައިވާ ނަމަކީ، "ދުން މަތަ ލޮބީ" އެވެ. ސްޓްރައިލް ކޮރިޑޯއަށް "އަގީމު ސަރައްކާލި" އެވެ. އަދި އެއްޗިހި ދޮވެ ސާފުކުރުމަށް ފަހު ތަކެތި ރައްކާ ކުރާ ކޮޓަރީގެ ބޭރުގައި ޖަހާފައި ވަނީ، "އަރެސް ދޮވެ ބަހައްޓާ ކޮޓާރު" އެވެ.