29 May 2019, 10:23
ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރަކަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ނަން ހުށަހަޅަން އެމްޑީޕީއިން ނިންމައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރު ހޮވުން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.
'ސަން' އަށް އެނގިފައިވާ ގޮތުން މިއަދު އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވަނީ ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މެމްބަރަކަށް އެ ޕާޓީން ހިސާން ހުސައިންގެ ނަން ހުށަހެޅުމަށެވެ. މަޖިލީހުގަިއ އޮތީ އެމްޑީޕީގެ މެޖޯރިޓީ ކަމުން ޖޭއެސްސީއަށް ހިސާން ކަނޑައަޅަން ފާސްވާނެ އެވެ.
ހިސާން އަކީ ގިނަ ދުވަސްތަކެއް ވަންދެން އެޓާނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ވަކީލެކެވެ. އޭގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ސެކެޓްރީ ކަންވެސް ކުރައްވާފައިވެ އެވެ.
އަދި ހައި ޕްރޮފައިލް ކޭސް ތަކުގައި ކޯޓުތަކުގައި ހިސާން ވަނީ ވަކާލާތު ކުރައްވާފަ އެވެ. ހިސާން އަކީ ޖުޑިޝަރީ އިސްލާހު ކުރަން ޖެހޭ ކަމަށް އަޑު އުފުލަމުންދާ ވަކީލެކެވެ.
މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް ރޭ ވަނީ ޖޭއެސްސީ މެމްބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ.