29 May 2019, 03:09
ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމަށް މިރޭ އިންތިހާބުވެ ވަޑައިގެންނެވި، މަޖިލީހުގެ ރައިސް ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސަސް ކޮމިޝަން، ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާ މިރޭ ކުރައްވައިފި އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން، މަޖިލީހުގެ ރައީސް އަކީ ޖޭއެސްސީގެ މެންބަރެކެވެ. އަދި މަޖިލީހުގެ މެންބަރުންގެ ތެރެއިން އައްޔަން ކުރާ މެންބަރަކު ވެސް ޖޭއެސްސީގައި މެންބަރެއްގެ ގޮތުގައި އިންނަވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) އާއި، ޖޭއެސްސީގެ ގާނޫނުގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގެ ދަށުން ރައީސް ނަޝީދު ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރެއްވީ އެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި ކަމަށެވެ.
ރައީސް ނަޝީދަށް ޖޭއެސްސީގެ ހުވާލައިދެއްވީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ސޯލިހު ވަނީ ރައީސް ނަޝީދާ ހަވާލުކުރައްވައިފަ އެވެ.
އެ ރަސްމިއްޔާތަށް ފަހު ރައީސް ސޯލިހު ވަނީ ނަޝީދާ ބައްދަލު ކުރައްވައި ތަހުނިޔާ ވިދާޅުވެފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ، ވަރަށް ގިނަ ބައެއްގެ އުއްމީދު ތަކާއި ގުޅިފައިވާ މަޖިލީހެއްކަން ރައީސް ސޯލިހު ފާހަގަކުރެއްވި ކަމަށެވެ. އަދި، މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހަލުއިކަމާއި އޮމާންކަމާއި އިންސާފުވެރިކަމާއެކު، މަޖިލީހުގެ އާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް ސަރުކާރުން ވެދެއްވެން އޮތް އެއްބާރުލެއްވުމެއް ވީއެންމެ ފުރިހަމައަކަށް ދޭނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޝްވަރާ އާއި އެހީތެރިކަމާއެކު، ވީހާވެސް އިންސާފުވެރި ކަމާއިއެކު މަޖިލީހުގެ މަސައްކަތްތައް ހަލުއިކަމާއެކުކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި، ގައުމަށް އެންމެ ފައިދާހުރިގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދެއްވާނެކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.