29 May 2019, 02:17
ނަވާރަވަނަ ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމަށް މިރޭ އިންތިހާބުކުރި، މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު، ރައީސް މުހައްމަދު ނަޝީދުގެ ވައުދަކީ އެންމެ ބުރަ އަދި މަސައްކަތްތެރި މަޖިލީހަކަށް ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ނަވާރަނަ ރައްޔިތުންގެ މަޖިލިސް ހުވާ ކުރެއްވުމަށް ފަހު ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވީ، އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަން ކުރެއްވި، މާމިގިލީ ދާއިރާ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ވާދަކޮށް 67 މެމްބަރުންގެ ވޯޓާއެކުއެވެ.
މަޖިލިސް ރައީސްއާއި ނައިބު ރައީސްކަމުގެ ވޯޓަށްފަހު ރިޔާސަތާ ހަވާލުވުވަޑައިގެން މެމްބަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 19 ވަނަ މަޖިލީހަކީ މަސައްކަތްތެރި މަޖިލީހަކަށް ހެދުމަށް މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި އެ މަޖިލީހަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ ފޮނި އުންމީދުތަކާ ގުޅިފައިވާ މަޖިލީހެއްކަން ނަޝީދު ފަހަގަކުރެއްވިއެވެ.
"މިއީ ރާއްޖޭގެ ރައްޔިތުންގެ އެންމެ މަތީގެ. އެ ރައްޔިތުންގެ ވަކީލުން ތިޔަ އިއްޒަތްތެރި މެމްބަރުންނަކީ. ތިޔަ އިއްޒަތްތެރި މެމްބަރުން ޝައްކެތްވެސް ނެތް ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާނީ، ތި ބޭފުޅުންގެ ރައްޔިތުންނަށް ހެވާ ލާބަ ހޯދައި ދިނުމަށް. އެ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތެރިކަން އިތުރުކުރުމަށް ރައީސް ނަޝީދު އުންމީދުކުރައްވާ އިރު، މާދަމާ ހެނދުނު 19 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނެއެވެ. އެ ޖަލްސާގައި ޖޭއެސްސީއަށް މަޖިލީހުން މެމްބަރެއް ކަނޑައެޅުމާއި، މަޖިލީހުގެ ގަވައިދު ހުށަހެޅުމުގެ އިތުރުން، އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މަޖިލީހުގެ ޗެމްބަރުގައި ތަގުރީރުކުރުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން ގޮތެއް ކަނޑައެޅުން އޮންނާނެކަމަށް މަޖިލީހުގެ ރައީސް މިރޭ އިއުލާނުކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުން ބޭނުންވީ ނަޒަހާތްތެރި މަޖިލީހެއް ކަމަށާއި މެމްބަރުން ނަޒަހާތްތެރިކަމާއެކު މުޅި ރާއްޖޭގެ ގަދަރާ އިއްޒަތް ގުޅިފައިވަނީ މަޖިލިސް މެމްބަރުންނާ އަމަލުތަކާ ކަމަށެވެ. އަދި މެމްބަރުން ނަޒާހަތްތެރި މެމްބަރުންނަށް ވުމަށް ރައީސް ނަޝީދު ވަރަށް ބޮޑަށް އިލްތިމާސް ކުރެއްވިއެވެ.
"19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުކޮށްފައި މިވަނީ، ނަޒާހަތްތެރި މަޖިލީހެއް ރައްޔިތުން ފެން ބޮވަ، ބޮވާ ތިބެމެ. އެ ރައްޔިތުން ތިބޭފުޅުންގެ ކިބައިން ބޭނުން ވަނީ ތިބޭފުޅުންގެ އިއްޒަތާއި ގަދަރު ހިފެހެއްޓުުމަށް. ނަޒާހަތްތެރި ކަން މަތީ ތިބޭފުޅުންގެ މަސައްކަތްތައް ކުރެއްވުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ޔަގީން ކަށަވަރު، ގަދަރާ އިއްޒަތް ތިބޭފުޅުން ހިފަހައްޓަވާނެ. މި މަޖިލީހުގެ ގަދަރާ އިއްޒަތް، މި ރާއްޖޭގެ ގަދަރާ އިއްޒަތް ހަގީގަތުގައި ގުޅިފައިވަނީ، ތިބޭފުޅުންގެ އަމަލުތަކާއި ތިބޭފުޅުންގެ ގަދަރާ އިއްޒަތް ހިިފެހެއްޓުމުގައި،"
ގާނޫނު އަސާސީ ބަޔާން ކުރާ، ވެރިކަމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ފާހަގަ ކުރައްވައ،ި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ތަމްސީލުކުރުމަށް ރައްޔިތުން ކަނޑައަޅާފައިވާ މެމްބަރުން ކަމަށެވެ. އަދި އެ ރައްޔިތުންގެ ހައްގުގައި މެމްބަރުން ކުރަން ބޭނުންވާ ކަންތައް މަޖިލިސް ތެރެއިން ކުރެއްވޭނެކަމުގެ ފުރިހަމަ ޔަގީންކަން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދެއްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ފަސް ސިޔާސީ ޕާޓީއެއް މަޖިލީހުގައި ތަމްސީލު ކުރައްވާއިރު، ފަސް ޕާޓީއަށްވެސް ގާނޫނާއި ގަވާއިދުތައް ތަންދޭ އެންމެ މަތީ މިންވަރަށް އެ ޕާޓީތަކުގެ ފިކުރާ އެއްގޮތަށް ހަމަހަމަކަމާއެކު މަސައްކަތް ކުރެވޭނެކަމަށާއި، އެކަމަށްޓަކައި ދެވެން އޮތް އެހީތެރިކަން މަޖިލީހުގެ ރިޔާސަތާއި މަޖިލީހުގެ އިދާރާއިން ދޭނެކަމުގެ ޔަގީންކަންވެސް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
މިރޭ ރައީސް ނަޝީދު، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅު ފެއްޓެވީ 18 ވަނަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދެ ރައީސުން ކަމުގައިވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމުގެ އިތުރުން، 18 ވަނަ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކަށް ޝުކުރު އަދާކުރައްވަމުންނެވެ.
"ހާއްސަ ގޮތެއްގައި ގާސިމް ފަހުން ކޮއްދެވި މަސައްކަތްތައް އެކަންޏެއް ނޫން، އެމަނިކުފާނު ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރެއްވުމުގައި ކުރެއްވި މަސައްކަތާ އަދި އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފުރިހަމަ ކަމުގައި، އަށާރަ ވަނަ މަޖިލީހުގައި ވެސް ރިޔާސަތު ބެލެހެއްޓެވި ކަމުގައި މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެމްބަރަށް ފަށްފަށުން ޝުކުރު ދަންނަވަން،" ގާސިމްއަށް ވަރަށް ބޮޑަށް ތާއުރީފު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.