29 May 2019, 02:10
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލީޑަޝިޕުގެ ދަށުން 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެން ދާނީ ފަހުގެ ތާރީހުގައި އެންމެ ކުރިއެރުން ހޯދާނެ މަޖިލީހަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ބޮޑު އަޣުލަބިއްޔަތަކާއެކު ރޭ އިންތިހާބުކުރީ އެމްޑީޕީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު ކަމަށް އިންތިޚާބުވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިހާބުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
މަޖިލީހުގެ ރައީސް ނަޝީދަށް ތަހުނިޔާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނަސް އެބޭފުޅުން ކުރައްވާ މަސައްކަތުގެ އަސްލު މަގުސަދު ހަނދާނުން ނެތިގެން ނުދާ ކަމަށެވެ.
"ކިތަންމެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ހަގީގީ މަގުސަދުގެ މަތިން ހަނދާނެއް ނުނެތޭ. އެ މަގުސަދަކީ ޑިމޮކްރެޓިކް އަދި ފާގަތި ދިވެހިރާއްޖެއެއް ހޯދުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ ރައީސްކަމުގައި ނަޝީދު ހުންނަވައިގެން، 19 ވަނަ މަޖިލިސް ވެގެން ދާނީ ފަހުގެ ތާރީހުގައި ރާއްޖެ ދެކޭނެ އެންމެ ކާމިޔާބު އަދި ކުރިއެރުން ހޯދާނެ އެއް މަޖިލީހަށް ކަމަށެވެ.
މީގެ އިތުރުން ނައިބު ރައީސްކަމަށް އިންތިހާބުވި އީވާ އަބްދުﷲ އަށް ތަހުނިޔާ ވިދާޅުވެ، ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ ލީޑަޝިޕުގައި އަންހެނުންގެ ދައުރު އިތުރުވާ މަންޒަރު ދުށުމަކީ އުފާވެރިކަމެއް ކަމަށެވެ.
"އަދި މި ދާއިރާއިން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައި ވީ ނަމަވެސް، ސިޔާސީ ލީޑަޝިޕް ރޯލުތަކުން އަންހެނުން ފެނުމަކީ އުފާވެރިކަމެއް. ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރަން،" ރައީސް ސޯލިހުގެ ޓްވީޓުގައި ވިދާޅުވިއެވެ.
އީވާއަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިހާބުވި ދެވަނަ އަންހެން މެމްބަރެވެ. މީގެ ކުރިން 16 ވަނަ މަޖިލީހުގެ ނައިބު ރައީސްކަން އަނީސާ އަހްމަދު ކުރެއްވިއެވެ.
ނަވާރަވަނަ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ތަހުނިޔާ ދަންނަވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަޖިލީހަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މަޖިލީހަކަށް ވެގެން ދާނެ ކަމަށެވެ.
މަޖިލީހުގެ ރައީސްކަން ރައީސް ނަޝީދަށް ލިބިވަޑައިގަތީ މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި 85 މެމްބަރުންގެ ތެރެއިން 67 ވޯޓެވެ. ނަޝީދާ ވާދަކުރެއްވި މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހީމަށް 17 ވޯޓު ލިބިވަޑައިގެންނެވި އިރު، ބާތިލު އެއް ވޯޓު އޮތެވެ.
މަޖިލީހުގެ ނައިބު ރައީސްކަމަށް ކުރިމަތިލެއްވި ހަމައެކަނި މެމްބަރު އީވާ، އެ މަގާމަށް އިންތިހާބުވީ 85 މެމްބަރުންގެ ތެރެއިން 76 މެމްބަރެއްގެ ވޯޓުންނެވެ. އީވާ އެ މަގާމަށް އިންތިހާބުކުރުމަށް ނުފެންނަކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވިއެވެ.