ސުނާމީއާ ގުޅިގެން ދ. ވާނީން ކުޑަހުވަދު އަށް ބަދަލުވި ވާނީގެ ބައެއް އާއިލާތަކަށް ކުޑަހުވަދޫން ދޫކުރަން ހަމަޖެހިފައިވާ ގޯތި ދޫކުރުން ލަސްވަމުންދާތީ ބައެއް އާއިލާތަކުން ޝަކުވާ ކުރަން ފަށައިފި އެވެ.

ވާނީން ކުޑަހުވަދު އަށް ބަދަލުވި ބައެއް މީހުން މިއަދު ބުނި ގޮތުގައި ވާނީގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކުޑަހުވަދު އަށް ބަދަލުވީ އަތޮޅު ކައުންސިލުންނާއި ކުޑަހުވަދޫ ކައުންސިލުން އަދި ވާނީ ކައުންސިލުން ވެސް ބަދަލުވި މީހުންނަށް ގޯތި ދޫކުރާނެ ކަމަށް ބުނުމުން ކަމަށެވެ. އަދި ގާތްގަނޑަކަށް ސާޅީހަކަށް އާއިލާ ކުޑަހުވަދު އަށް މިހާރު ބަދަލުވެފައިވާ އިރު އޭގެ ތެރެއިން ގިނަ ބަޔަކު ދިރުއުޅެމުން ގެންދަނީ ކުއްޔަށް ހިފައިގެން ކަމަށް ވެސް އެ ރަށު މީހަކު ބުންޏެވެ.

"ވާނީން ބަދަލުވި ބައެއް މީހުން އެމީހުންނަށް ލިބޭ މުސާރައިގެ ބޮޑު ބައެއް ހޭދަކުރަން ޖެހެނީ ކުޑަހުވަދޫން ކުއްޔަށް ހިފައިގެން އުޅޭ ގޭގޭގެ ކުއްޔަށް،" އެ ރަށު މީހަކު ބުންޏެވެ.

ވާނީން ކުޑަހުވަދު އަށް ބަދަލުވި މީހުންނަށް ކުޑަހުވަދޫން ގޯތި ހޯދައިދޭނެ ކަމަށް ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ކައުންސިލްތަކުގެ މެންބަރުން ވައުދުވެފައިވާ ކަމަށާއި އެ ގޯތިތައް ހޯދައިދޭނެ ކަމަށް ބުނި މުއްދަތު މިމަހުގެ 15ގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ކުޑަހުވަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އިހުޝާން މިއަދު ވިދާޅުވީ ސަރުކާރާއި އަތޮޅު ކައުންސިލާ އެކު އަދި ކަމާ ބެހޭ ވަރަށް ގިނަ ފަރާތްތައް ގުޅިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.