29 May 2019, 01:03
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އައްޔަން ކުރާނެ މެމްބަރަކު ކަނޑައެޅުމުގެ މައްސަލަ އެޖެންޑާކޮށް މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމައިފިއެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު ރިޔާސަތާ ހަވާލުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ޖަލްސާ އޮންނާނީ މާދަމާ 9:00 ގައި ކަމަށެވެ.
ޖޭއެސްސީއަށް މެމްބަރަކު ކަނޑައެޅުމުގެ އިތުރުން އަންނަ މަހުގެ ހަތް ވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ވަޑައިގަންނަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ ގުޅޭގޮތުން ގޮތެއް ނިންމުން ވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކި މެމްބަރުން ވަނީ ޖޭއެސްސީއަށް ކަނޑައަޅާފައެވެ. އެންމެފަހުން މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނެވީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫނެވެ.