އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ހަމަޖެހިއްޖެ އެވެ.

އިންތިހާބުގައި ލިބުނު ބޮޑު ކާމިޔާބަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ، އަންނަ މަހުގެ 7-8 އަށެވެ.

މިރޭ ބޭއްވި 19 ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތާ އަލަށް ހަވާލުވެ ވަޑައިގެން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މޯދީގެ މި ދަތުރުފުޅުގައި އެމަނިކުފާނު ރައްޔިތުން މަޖިލީހުގެ ޗެމްބަރުގައި ތަގުރީރު ކުރެއްވުމުގެ ހުއްދަ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާ ކަމަށެވެ.

މާދަމާ ހެނދުނު 9:00 ގައި ބާއްވާ ޖަލްސާގައި އެ މައްސަލައާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވި އެވެ.