ގދ. ގައްދޫގައި ވަގަށް ނަގައިވާކަމަށް ބެލެވޭ ތަށިމުށިތަކެއް ވިއްކަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަށިމުށި ވިއްކަން އުޅުނު 33 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މިހާރު ތަށިމުށިތައް އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް 1،662 ވައްކަމުގެ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް ހުށަހެޅުނު 371 ވައްކަމުގެ މައްސަލައެއް ހިމެނެއެވެ.