ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިންތިހާބުކޮށްފި އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހެޅުއްވީ ވެސް ހަމައެކަނި އިވާގެ ނަންފުޅެވެ.

ނައިބު ރައީސައަކު ހޮވުމަށް ނެގި ސިއްރު ވޯޓުގައި އީވާ އަށް ލިބިވަޑައިގަތީ 76 ވޯޓެވެ. ނުފެންނަ ކަމަށް ލިބުނީ ނުވަ ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާގެ ނަން ހުށަހެޅުއްވީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަސްލަމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، މެދު ހެންވެރު ދާއިރާ މެމްބަރު، އަލީ އާޒިމެވެ.

މިއީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ފެހި ގާނޫނު އަސާސީ އިން އިންތިހާބުވި މަޖިލިސްތަކުގެ ތެރެއިން ނައިބު ރައީސް ކަމަށް އަންހެންބޭފުޅަކު އިންތިހާބުވި، ފުރަތަމަ ފަހަރެވެ.

އިވާ މަޖިލިސްގެ ނައިބު ރައީސް ކަމަށް އިންތިހާބުވިއިރު، މަޖިލިސްގެ ރައީސް ކަމަށް އިންތިހާބުވީ، މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު، ރައީސް މުހައްމަދު ނަޝީދެވެ.