އދ. މަހިބަދޫ ކައިރީ އޮންނަ މަންޓާ ޕޮއިންޓް ކައިރިން މޫދުގައި އޮތް ފަތުރުވެރިއެއްގެ ބޮލުގައި އޮކްސިޖަން ފުޅިއަކުން ޖެހި ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފުލުހުން ބުނިގޮތުގައި މިއަދު 11:00 ގައި ހިނގި އެ ހާދިސާ ހިނގީ އެ ސަރަހައްދަށް ޑައިވްކުރަން ދިޔަ ސަފާރީއަކުން ޑައިވްކުރަން މީހުން މޫދަށް ބޭލުމުގެ ތެރޭގައެވެ.

ފުލުހުން ބުނީ ޑައިވްކުރަން ފަތުރުވެރިން މޫދަށް ބޭލިއިރު ޖެހި ރާޅަކާއެކު އެތަނުން އެތަނުން އެއް ފަތުރުވެރިޔަކު ވެއްޓުނީ މޫދުގައި އޮތް މީހެއްގެ ބޯ މައްޗަށް ކަމަށެވެ. އަދި އޭނަ އަޅައިގެން އޮތް އޮކްސިޖަން ފުޅިން މޫދުގައި އޮތް މީހާގެ ބޮލުގައި ޖެހުނު ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި އަނިޔާ ލިބިފައި ވަނީ 29 އަހަރުގެ ޖަރުމަނުގެ ފަތުރުވެރިއަކަށް ކަމަށެވެ.

އެ ސަފާރީގައި ތިބި މީހުން ދެން އޭނާ ގެންދިޔައީ މަހިބަދޫ ހޮސްޕިޓަލަށެވެ. އަދި މިއަދު 14:00 އެހައިކަންހާއިރު އިތުރު ފަރުވާއަށް އެ ފަތުރުވެރިޔާ މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބޭ. އެކްސިޑެންޓުގައި ފުލުހުން ދަނީ ބަލަންޖެހޭ ކަންކަން ބަލަމުން،" ފުލުހުން ބުންޏެވެ.