ހއ. ހޯރަފުށީ ގެއަކުން މިމަސްތެރޭ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ. އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ 9:15 އެހާކަށްހާއިރު އެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި 35 އަހަރުގެ ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން 33 އަހަރުގެ ފިރިހެނެކާއި 27 އަހަރުގެ ފިރިހެނެއް ވެސް މި މައްސަލައާ ގުޅިގެން މިއަދު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް 10،950 ރުފިޔާ ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތުރާކުނު ކޯޓަށް މިއަދު ގެންދިޔުމުން 35 އަހަރުގެ އެއް ފިރިހެނަކަށް 15 ދުވަސް އަދި އަނެއް ތިން މީހުންނަށް ބަންދަށް ހަތް ދުވަހުގެ މުއްދަތު ވަނީ ޖަހާފައެވެ.

މި މައްސަލަ ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް 1،662 ވައްކަމުގެ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް ހުށަހެޅުނު 371 ވައްކަމުގެ މައްސަލައެއް ހިމެނެއެވެ.