28 May 2019, 22:06
މަސްތުވާތަކެތި ހޯދަން މިިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަންގައި ވަން ގ. ޕެލިކަން އަދި މެމޮރީ ވިލާގޭގެ ތަކެއްޗަށް ގެއްލުންދީފައި ނުވާނެ ކަަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ދެ ގެ ބަލައި ފާސްކުރިއިރު 81 ރަބަރު ޕެކެޓު ފެނުނު ކަމަށާއި އަދި އެ މައްސަލަައިގައި 37 މީހުން ހައްޔަރުކުރި ކަމަށެވެ.
ފުލުހުން ބުނީ އެ ދެގެއިންވެސް ފުލުހުންނަށް ހުރަސް ހެޅުމަށް ހުރީ ދަގަނޑު ދޮރު ބަހައްޓާފައިކަމަށާއި އަދި އެ ދެގެއަށްވަނީވެސް ދަގަނޑުތައް ކީހާލައިގެން ކަމަށެވެ.
އެ ދެގެއަށް ފުލުހުން ވަދެ ގޭތެރޭގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް ބުނެ މީސް މީޑިއާގައި ވީޑިއޯތަކެއް ލީކްވެފައިވެއެވެ. ނަމަވެސް އެކަމަށް ރައްދު ދީ ފުލުހުން ބުނީ އެ ވީޑިއޯއަކީ ފުުލުހުން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ބަޔަކު ކޮށްފައިވާކަމެއް ކަމަށެވެ.
ދާދި ފަހުން ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ބުނީ ސެކިއުރިޓީ ވަރުގަދަކޮށްގެން، މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރާ ބައެއް ގެތައް މާލޭގައި މިހާރު ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ.
އެ ގެތަކަށް ފުލުހުން ވަނުމަށް ހުރަސް އެޅުމުގެ ނިޔަތުގައި އެފަދަ ގޭގޭގެ ދޮރުގައި ބޮޑެތި ދަގަނޑު ފިލާ ހަރުކޮށް، ބަންދުކޮށްފައި ހުންނަ ކަމަށާއި ނަމަވެސް މަސްތުވާތަކެތީގެ އޮޕަރޭޝަންތައް ހިންގާއިރު އެ ފަދަ ތަންތަން ހަލާކުކޮށްލައިގެން ނަމަވެސް ވަންނާނެކަމަށް ފުލުހުން ބުންޏެވެ.