ދަރުމަވަންތަ ހޮސްޕިޓަލަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އައިޖީއެމްއެޗުން އިއުލާންކޮށްފިއެވެ.

އައިޖީއެމްއެޗުން އިއުލާންކޮށްފައިވަނީ 84 ވަޒީފާގެ ފުރުސަތެވެ. އޭގެ ތެރޭގައި 35 ނަރުހުންނާއި 16 މެޑިކަލް އޮފިސަރުން ހިމެނެ އެވެ.

އޭގެ އިތުރުން ހުޅުވާލި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި މީޑިއާ އޮފިސަރާއި، ޑިރެކްޓަރުގެ މަގާމަކާއި ރިސެޕްޝަނިސްޓުންނާއި ރޭޑިއޯގްރާފަރުންނާއި އަދި ޕާސަނަލް ކެއާ އެޓެންޑުން ހިމެނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ހިދުމަތްތައް ދޭން ފެށީ މިދިޔަ މަހުއެވެ. އެގޮތުުން އެ ހޮސްޕިޓަލްގައި މިހާރުވެސް އެތެރެހަށީގެ ބަލިތަކާއި ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ އޯޕީޑީގެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑާމިޓޯލޮޖީ އަދި ސާޖަރީގެ ހިދުމަތްތަކުގެ އޯޕީޑީވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ 500 އެނދުގެ ހޮސްޕިޓަލަކެވެ. އެ އިމާރާތަށް ދައުލަތުގެ ބަޖެޓުން 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ހަރަދުކޮށްފައިވެއެވެ.

މި އަހަރުގެ ބަޖެޓުގައި، ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ހިދުމަތްތައް ފުޅާކޮށް އެ ހޮސްޕިޓަލަށް ބޭންވާ މެޝިނަރީސް ހޯދުމަށް 818 މިލިއަން ރުފިޔާވެސް ހިމަނާފައިވެއެވެ.