އިޓާލިއަން ސެރީއާ ގައި ރޭ ގެނޯއާ އިން ލީގުގެ އެއްވަނާގައި އޮތް ޔުވެންޓަސް ހިފެހެއްޓި އިރު، ކަޓަނިއާ އިން ފިއޮރެންޓީނާ ހިފަހައްޓައިފި އެވެ.

މި ދެމެޗު ވެސް ނިމިގެންދިޔައީ 2-2 ލަނޑުގެ ނަތީޖާ އަކުންނެވެ.

ޔުވެންޓަސް އާއި ދެކޮޅަށް ގެނޯއާ ކުޅުނު މެޗުގައި ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައި ވެއެވެ. އެގޮތުން ޔުވެންޓަސް އިން އުފެއްދި ވިހި ހަމަލާއިން ހަތް ހަމަލާ ގެނޯއާ ގެ ގޯލާއި އަމާޒުވިއރު، ގެނޯއާ އިން އުފެއްދި ތޭރަ ހަމަލާއިން އަމާޒުވެފައިވަނީ ފަސް ހަމަލާ އެވެ.

މިމެޗުގެ ހަވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ އެލެސެންޑްރޯ މަޓްރީ އެވެ. މެޗުގެ 31 ވަނަ މިނެޓުގައި ގެނޯއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މާކޯ ރޮސީ އެވެ. މެޗުގެ 58 ވަނަ މިނެޓުގައި މަޓްރީ އިތުރު ލަނޑެއް ޖަހައި ޔުވެންޓަސް އަށް ލީޑު ހޯދައި ދީފައި ވަނިކޮށް، މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އަންދުރޭ ކަރަކިއޮލޯ ގެނޯއާ އަށް އަލުން ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މިމެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ފިއޮރެންޓީނާ އާއި ކަޓަނިއާ ބައްދަލުކުރި މެޗުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ވިހި ވަނަ މިނެޓުގައި ފިއޮރެންޓީނާ އަށް ކާމިޔާބު ކޮށްދިނީ ސްޓެވަން ޖޮވެޓިޗް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދެމިނެޓަށް ވެފައި ވަނިކޯށް ގެނޭރޯ ޑެލްވަކިއޯ ކަޓަނިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޖޮވެޓިޗް ފިއޮރެންޓީނާ އަށް އަލުން ލީޑު ހޯދައިދީފައި ވަނިކޮށް މެޗުގެ 82 ވަނަ މިނެޓުގައި ގަސްތޯން މަކްސީ ލޯޕޭޒް ވަނީ ކަޓަނިއާ އަށް އަލުން ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިމެޗު ވެސް ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.