14:30


އެޑިއުކޭޝަން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލައިގެ އަޑީގައި އޮތީ ޑީއާރްޕީ ކަމަށް ވިދާޅުވެ ޑީއާރްޕީ އަށް ބަހުގެ ހޫނު ހަމަލާތަކެއް ޕްރެސް ސެކްރެޓަރީ ދެއްވައިފައި ވަނިކޮށް، ޑީއާރްޕީ ދިފާކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައިފި އެވެ.


އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ދެއްވާ ރޭޑިއޯ ހިތާބުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލާގައި ޑީއާރުޕީން ސީދާ ހިއްސާނުވާ ކަމަށާއި އެކަމުގައި ޑީއާރުޕީން ބައިވެރިނުވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.


ނަމަވެސް، ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިދިޔަ ހަފުތާގައި ވަނީ ޑީއާރްޕީގެ ބޮލުގައި އެކަން އަޅުއްވަވައި، ހޫނުގަދަ ބަހުގެ ހަމަލާތަކެއް ޑީއާރްޕީ އަށް ދެއްވައިފަ އެވެ. ޒުހެއިރު ވިދާޅުވީ ޑީއާރުޕީ އަކީ އެއްވެސް ތަޞައްވުރެއް، އަދި ހަރުދަނާ ކަމެއް ހުރި ޕާޓީއެއް ނޫން ކަމަށާއި ޑީއާރުޕީގެ ހަމައެކަނި އަމާޒަކީ ސަރުކާރުން ކުރާ ކޮންމެ ކަމަކާ އިދިކޮޅު ހެދުން ކަމަށް މިހާރު ހީވާ ކަމަށެވެ.


އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ ދިފާއުކުރައްވައި ނެރުއްވި ބަޔާނެއްގައި ޒުހޭރު ވިދާޅުވެފައި ވަނީ މިއީ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން، ފަހަރަކު ބޭފުޅަކާ ދިމާކުރުމަށް ޑީއާރުޕީން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި މިފަހަރު މި ކަންތައް ކާމިޔާބުވެއްޖެނަމަ ދެން ދިމާކުރާނީ އެހެން ވަޒީރުންނާ ކަމަށާއި މިއީ ސަރުކާރާއި ޤައުމު ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލުމަށް ޑީއާރުޕީން ކުރާ މަސައްކަތެއް ކަމަށް ވެސް އެ ބަޔާނުގައި ޕްރެސް ސެކްރެޓަރީ ވަނީ ވިދާޅުވެފަ އެވެ. އަދި ވާދަވެރި ޑީއާރުޕީން ސަރުކާރާއި، ޤައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ކަމަށް ވެސް ޒުހެއިރު ވަނީ ތުހުމަތުކުރައްވައިފަ އެވެ. އަދި ޑީއާރުޕީގައި ވިސްނުންތެރި އަދި ޒިންމާދާރު ބައެއް ބޭފުޅުން ތިއްބެވިކަމުގައި ވިޔަސް، އެ ޕާޓީގެ މިހާރުގެ ލީޑަޝިޕުން ވަނީ އެ ބޭފުޅުން ބާކީކުރައްވާފައި ކަމަށާއި ޕާޓީގައި މިހާރު އެންމެ ނުފޫޒު ގަދަކޮށް މަސައްކަތް ކުރައްވަނީ ޕާޓީގައި ތިއްބެވި ހަރުކަށި ބޭފުޅުން ކަމަށްވެސް ޒުހެއިރު ވަނީ ވިދާޅުވެފަ އެވެ.


ޕްރެސް ސެކްރެޓަރީ ޒުހެއިރުގެ ބަޔާނުގައި ޑީއާރްޕީ އަށް ހޫނު ހަމަލާއެއް އަންގާރަ ދުވަހު ދެއްވި ނަމަވެސް، ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ރީކޯ މޫސާ މަނިކު ވެސް ހޯމަ ދުވަހުގެ ރޭ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ވެއްދީ ޑީއާރުޕީން ނޫން ކަމަށެވެ.


މި މައްސަލއިގައި ޑީއާރުޕީން މިހާތަނަށް ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.