28 May 2019, 17:03
ރޯދަމަހު ކުރިމަތިވާ ސުވާލުތަކުގެ ތެރެއިން އެއް ސުވާލަކީ، ފަހު ދިހެއްގައި ޙައިޟުވެރިޔާއަށް ކުރެވިދާނޭ އަޅުކަމަކީ ކޮބައިތޯއެވެ. މިސުވާލުގެ ޖަވާބުގައި ގެނެސްދީފައި މިވަނީ އިސްލާމް ކިޔޫއޭ ވެބްސައިޓުގައި، އައްޝައިޚު ޞާލިޙުލް މުނައްޖިދު ދެއްވާފައިވާ ޖަވާބުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.
މަދު އަޅުކަމެއް ފިޔަވައި އެހެން ހުރިހާ ކަމެއްވެސް ކުރުން ޙައިޟުވެރިޔާއަށް ހުއްދަވެގެންވެއެވެ. ހައިޟުވެރިޔާ ކުރުން މަނާ ކަންތައްތަކަކީ ނަމާދު ކުރުމާއި، ރޯދަހިފުމާއި، ތަވާފުކުރުމާއި، އިއުތިކާފަށް މިސްކިތުގައި އިނުމެވެ.
ރަސޫލާصلى الله عليه وسلمރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތައް އިހްޔާ ކުރައްވާކަމުގައި ސަހީހުލް ބުޚާރީއާއި ސަހީހު މުސްލިމުގައި ރިވާވެގެންވެއެވެ. އާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "ފަހު ދިހައެއް އަތުވެއްޖެނަމަ މާތް ނަބިއްޔާصلى الله عليه وسلمއެކަލޭގެފާނުގެ ކަމަރުފުޅު ބަންނަވައެވެ. (އެބަހީ: އަޅުކަން ކުރުމަށްޓަކައި އަނބިއަނބިކަބަލުންނާ އެއްދާންކުރުމުން އެއްކިބާވެލައްވައެވެ.) އަދި އެރޭތައް އިހުޔާ ކުރައްވައެވެ. އަދި އަހުލުވެރިން ހޭލައްވަވައެވެ."
އެރޭތައް އިހްޔާކުރުމަކީ ހަމައެކަނި ތަރާވީޙު ނަމާދު ނުވަތަ ދަމުނަމާދު ކުރުމަށް އެރޭތައް ޚާއްޞަކުރުމެއް ނޫނެވެ. އިހްޔާކުރުމުގެ މާނައިގެ ތެރޭގައި ހުރިހާ އަޅުކަމެއް ހިމެނެއެވެ. ބައެއް އިލްމުވެރިން ވިދާޅުވެފައިވެއެވެ.(وأحيا ليله)ގެ މާނައަކީ އަޅުކަން ކުރެއްވުމަށް ހޭލާ ހުންނެވުމެވެ. މިއީ އަލްހާފިޒު އިބްނު ޙަޖަރު ރަހިމަހުﷲގެ ބަސްފުޅެވެ. އައްނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އޭގެ މުރާދަކީ އިސްތިޣްފާރު ކުރެއްވުމާއި ނަމާދުކުރެއްވުމައި އަދިވެސް އެނޫން ހެޔޮ އަމަލުތައް ކުރެއްވުމެވެ. އަދިވެސް ބައެއް ބޭކަލުން ވިދާޅުވެއެވެ. އެއީ ނަމާދު ކުރެއްވުމާއި ޒިކުރު ކުރެއްވުމާއި ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމެވެ.
ލައިލަތުލްޤަދްރި ވިލޭރޭގައި ކުރެވޭ އެންމެ ހެޔޮ ޢަމަލަކީ އެރޭގެ ޤިޔާމުއްލައިލު (ރޭއަޅުކަން) ކުރުމެވެ. އެހެނީ އީމާންވެހުރެ ދަރުމަޔާއި ޘަވާބުއެދިގެން ލައިލަތުލް ޤަދުރި ވިލޭރޭގެ ރޭއަޅުކަންކޮށްފި މީހާއަށް އޭނާގެ އިސްވެދިޔަހާ ފާފަތަކެއް ފުއްސަވައިދެއްވާނޭކަމުގައި މާތް ނަބިއްޔާصلى الله عليه وسلمވަނީ ހަދީޘްކުރައްވާފައެވެ.
ހައިޟުވެރިޔާއަށް ރޭގަނޑުގެ ދަމު ނަމާދު ނުވަތަ ތަރާވީހު ނަމާދުކުރުން މަނާވެގެން ވިއެއްކަމަކު އެނޫން ހެޔޮ އަމަލުތައް ކުރުން މަނާވެގެނެއް ނުވެއެވެ. އެފަދަ ޙާލަތެއްގައިވާ އަންހެން ބޭކަނބަލަކަށް ކުރެއްވިދާނެ ހެޔޮ އަމަލުތަކުގެ ތެރޭގައި:
އެކެއް:
ކީރިތި ޤުރްއާން ކިޔެވުން. ޙައިޟުވެރިޔާ މުޞްޙަފުގައި ބީހުން ޙަރާމްވެގެންވެއެވެ. ނަމަވެސް ހިތުދަސްވެފައިހުރި ސޫރަތްތައް ކިޔެވުމާއި، ކޮންޕިއުޓަރު ނުވަތަ ފޯނުން ބަލައިގެން ކީރިތި ޤުރްއާން ކިޔެވުމަކީ ހުއްދަ ކަމެކެވެ.- ދޭއް:ޛިކުރު ކުރުން. ޛިކުރު ކުރުމަކީ ގިނަގުނަވެގެންވާ ދަރުމަޔާއި ސަވާބުލިބުމުގެ މަގެކެވެ. މާތްވެގެންވާ އަޅުކަމެކެވެ. ގިނަގިނައިން މާތްﷲ ހަނދުމަކޮށް ޒިކުރު ކުރުންމަތީ ދެމިހުރުމަށްވަނީ އަންގަވާފައެވެ. އެގޮތުން ކިޔިދާނެ ފަސޭހަ ޒިކުރުތަކުގެ ތެރޭގައިسبحانالله،والحمدلله،ولاإلهإلاالله،واللهأكبر،سبحاناللهوبحمده،سبحاناللهالعظيمފަދަ ކަލިމަތައް ހިމެނެއެވެ. އަދި މިނޫނަސް ވާރިދުވެގެންވާ އެތައް ޛިކުރުތަކެއްވެއެވެ. އެ ޒިކުރަތައްވެސް ދަސްކޮށްގެން ކިޔުމަށް ފަރުވާތެރިވާށެވެ.
- ތިނެއް:އިސްތިޣްފާރު ކުރުން. އެބަހީ ފާފަފުއްސެވުންއެދި މާތް ﷲ ގެ ހަޟުރަތަށް ދުއާކުރުމެވެ. އިސްތިޣްފާރު ކުރުމަށް އެތައް ޢިބާރާތްތަކެއް ވާރިދުވެފައިވެއެވެ. އޭގެތެރެއިން އެންމެ ކުރު މިންވަރަކީاستغفراللهކިޔުމެވެ.
- ހަތަރެއް:ދުއާކުރުން. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދިގެން ގިނަގިނައިން ދުއާކުރުމަކީ ލައިލަތުލްޤަދުރި ވިލޭރޭގައި ކުރެވޭނެ އެންމެ މަތިވެރި އެއް އަޅުކަމެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާވެގެންވެއެވެ.الدعاءهوالعبادة"ދުއާއަކީ، އެއީ އަޅުކަމެވެ."رواهالترمذيوصححهالألبانيލައިލަތުލްޤަދްރި ވިލޭރާއާ ބައްދަލުވެއްޖެނަމަ ކިޔުމަށް ކީރިތި ރަސޫލާصلى الله عليه وسلمއުނގަންނަވައިދެއްވާފައިވާ ދުއާއެއް ރިވާވެފައިވެއެވެ. އެދުއާއަކީاللَّهُمَّ إنَّكَ عَفُوٌ تُحِبُّ العَفْوَ فَاعْفُ عَنّيމިއެވެ. މިދުއާ ގިނަގިނައިން ކިޔާށެވެ.
- ފަހެއް:މައިންބަފައިންނަށް ހެޔޮކޮށްހިތުން. މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ކުރެވިދާނެ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައިވެއެވެ. "އެމީހެއްގެ މައިންބަފައިން މުސްކުޅި ހާލުގައި، އެ ދެމީހުން، ނުވަތަ އެއިން އެކަކާ ބައްދަލުވެ، (އޭނާ އެބައިމީހުންނަށް ހެޔޮކޮށް ނުހިތުމުން) އޭނާއަށް ސުވަރުގެ ނުވަދެވިއްޖެ މީހާ، ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ،" މި ހަދީޘް ރިވާކުރެއްވީ އިމާމު މުސްލިމްއެވެ.
އިސްވެ ބަޔާންކުރެވުނު ކަންކަމާއި އަދިވެސް އެހެނިހެން ހެޔޮ އަމަލުތައް ކުރުމުގައި ފަހުދިހައެއްގެ އޮނަހިރި ރޭތައް ހޭދަކުރުމަށް ވަސިއްޔަތް ކުރަމެވެ.