28 May 2019, 16:33
ދިޔަ މަހު ރަންދެލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 37000 ރުފިޔާ ކޮންމެ މުވައްޒަފަކަށް ދީފިއެވެ.
ރިސޯޓްތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުދޭ ގޮތާ ބެހޭ ގޮތުން އާންމުކުރި ތަފާސް ހިސާބުތަކެއްގައި ބުނީ މިދިޔަ މަހު އެންމެ ގިނައިން ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ދީފައިވަނީ ވެސް ރަންދެލި ރިސޯޓުން ކަމަށެވެ.
އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 2406.27 އެމެރިކާ ޑޮލަރު ވަނީ ދީފަ އެވެ. މިއީ ދިވެހި ފައިސާ އިން ޖެހޭ ނަމަ 37104.83 ރުފިޔާ އެވެ.
މިއީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުން ރިސޯޓަކުން ސާވިސް ޗާޖުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދިން އަދަދު ވެސް މެއެވެ. މިއަހަރުގެ ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި ވެލާ ރިސޯޓުން 3016.02 އެމެރިކާ ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވެ އެވެ.
ރަންދެލި ރިސޯޓްއަށް ފަހު ދެން އެންމެ ގިނައިން މިމަހު ސާވިސް ޗާޖުގެ ގޮތުގައި ފައިސާ ދީފައިވަނީ ވަން އެންޑް އޮންލީ، ވެލާ އަދި ފޯ ސީޒަންސް ރިސޯޓުންނެވެ. އެ ތިން ރިސޯޓުން ވެސް 1400 އަށް ވުރެ ގިނަ އެމެރިކާ ޑޯލަރު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވެއެވެ.
އޭގެ އިތުރުން ސާވިސް ސާވިސް ޗާޖުގެ ގޮތުގައި ވޮއްމުލި، ސޮނެވާ ފުށި، ސިނެވާ ޖާނީ، އަނަންތަރާ ޖުމައިރާ އަދި ނިޔަމަ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 1000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދީފައިވެ އެވެ.
ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ވެސް ސާވިސް ޗާޖުގެ ގޮތުގައި ފައިސާ މުވައްޒަފުންނަށް ދޭން ޖެހެއެވެ. ސާވިސް ޗާޖުގެ ގޮތުގައި ފަތުރުވެރިންގެ އަތުން ކޮންމެވެސް އަދަދެއް ނަގަ އެވެ. އަދި އެ ފައިސާ ހުރިހާ މުވައްޒަފުންނަށް ދެނީ ހަމަހަމައަށެވެ.