އާންމުން މަގުމައްޗަށް ނުކުމެ އަމިއްލައަށް މައްސަލަތައް ހައްލުު ނުކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިލްތިމާސްކުރައްވައިފި އެވެ.

ހަމީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުވައްސަސާއާ މެދު އާންމުންގެ އިތުބާރާއި ކަންބޮޑުުންތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު އާންމުންނަށް މި އިލްތިމާސްކުރަނީ މައްސަލަތައް ރިޕޯޓްކުރުމަށް. ހަމަނުޖެހުންތަކާ މެދު އަޅުގަނޑުމެން ވެސް ކަންބޮޑުވަން. އެހެން ނަަމަވެސް މަގުމަތިން މައްސަލަ ހައްލުކުރުން ނިމުމަށް ގެންނަން ޖެހޭ." ހަމީދުގެ ޓުވީޓުގައިވެ އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ މުވައްސަސާ ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އަދި އާންމުން ވެސް ގާނޫނާއި ގަވާއިދަށް ބޯލަބަން ޖެހޭ ކަމަށެވެ.

ހަމީދު އެފަދައިން ވިދާޅުވި އިރު ދާދި ފަހަކުން މަގުމަތިން މައްސަލަތައް ހައްލުކުރުމުގެ ސިލްސިލާތަކެއް ރާއްޖޭގައި ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން ކ. ދިއްފުށީގައި އާންމުން ނިކުމެ އެ ރަށުގައި ވައްކަންކުރާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ވަނީ ހޫނުވެފަ އެވެ.

އޭގެ އިތުރުން އެހެން ހާދިސާއެއްގައި ކުޑަކުދިންނާ ބެހުނު މީހަކު މަގުމަތީގައި ގަން ހިންގައި ހެދި މައްސަލައް ވެސް ވަނީ ފެންމަތިވެފަ އެވެ.

ފަހަކަށް އައިސް ހިނގާ އެކި ކުށްތަކާ ގުޅިގެން ފުލުހުން އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ބުނެ އާންމުންގެ ވަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ގިނަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަކުރުމުގައި ލަސްވުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.