28 May 2019, 13:58
ޒިކުރާ މިސްކިތް ހެދުމަށް ކޮށްފައިވާ އެއްބަސްވުން ބާތިލްކުރި މައްސަލައިގައި 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް، އެސްޖޭ ކޮންސްޓްރަކްޝަނުން އިސްލާމިކް މިނިސްޓްރީގެ މައްޗަށް ދައުވާކޮށްފި އެވެ.
"ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރީގެ މިސްކިތެއް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާއެކު ސޮއިކުރީ ޖުލައި، 9، 2018، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކުރިއަށް ގެންދާ، 130 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ އެއްބަސްވުން މި ސަރުކާރުން ބާތިލް ކުރީ، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދިޔުމާއި ގާނޫނާ ހިލާފަށް އެއްބަސްވުން ހަދާފައިވާ އެވެ.
އެ އެއްބަސްވުން ބާތިލް ކުރި މައްސަލަ އެސްޖޭ ކޮންސްޓްރަކްޝަނުން މި މަހުގެ ކުރީކޮޅު ސިވިލް ކޯޓަށް ވެއްދުމުން އެ ކޯޓުން ވަނީ ޑިސްޕިއުޓް މަރުހަލާ ބާއްވައި އެންމެ ފަހުން މައްސަލަ ހައްލު ނުވުމުން ޝަރީއަތުގެ މަރުހަލާ ފަށައިފަ އެވެ.
އެ އެއްބަސްވުން ބާތިލް ކުރި އިރު އިކުއުޓީގެ ގޮތުގައި ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނަށް ވަނީ، 30 މިލިއަން ރުފިޔާ ވެސް ދީފަ އެވެ. މިއަހަރުގެ ރޯދަޔަށް މިސްކިތުގެ ތިން ބުރީގެ މަސައްކަތް ނިންމާ ހުޅުވަން ރާވާފައި އޮތަސް އެތަނުގައި އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.
އެސްޖޭ ކޮންސްޓްރަކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި 141 މިލިއަން ރުފިޔާގެ ބަދަލަކަށް އެދެނީ، އެ އިމާރާތުން އެސްޖޭއަށް އަހަރަކު ތެރޭ ސަރުކާރުން ދައްކަން ޖެހޭ 14 މިލިއަން ރުފިޔާ ހިސާބުކޮށްގެން 10 އަހަރުން ތެރޭ އެ ކުންފުންޏަށް ލިބޭނެ އާމްދަނީ ލަފާކޮށްގެން އެވެ.