28 May 2019, 13:04
މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ 114 ސެލޯފިންކޮޅާ އެކު ގއ. ދާންދޫ އިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމަހުގެ 22 ވަނަ ދުވަހު ދާންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކޯޓު އަމުރަކާ އެކު އެރަށު ގެއެއް ބަލައި ފާސްކޮށް މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 114 ސެލޯފިންކޮޅާ އެކު ހައްޔަރު ކުރީ 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ އޮޕަރޭޝަންތަކުގައި މި ފަހަކަށް އައިސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަންނަމުންނެވެ.
އެގޮތުން މެއި 27 ވަނަ ދުވަހުގެރޭ މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓުތަކަކާ އެކު ށ. މިލަންދޫ އިން ވެސް ވަނީ މީހަކު ހައްޔަރު ކޮށްފަ އެވެ. މިމަހުގެ 16 ވަނަ ދުވަހު ވެސް ފުލުހުންގެ އޮޕަރޭޝަނެއްގައި މާލޭގެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ އިތުރުން މިމަހުގެ 26 ވަނަ ދުވަހު ގަލޮޅު ދެ ގެއަކުން ވެސް ވަނީ މަސްތުވާތަކެއްޗާ އެކު 37 މީހަކު ހައްޔަރުކޮށްފަ އެވެ.