28 May 2019, 12:48
އޯއައިސީގެ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ ކުރިން ބާއްވާ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ އަރަބިއާ އަށް ފުރާވަޑައިގެންފިއެވެ.
މައްކާގައި ބާއްވާ އޯއައިސީގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި މުސްލިމު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
އިސްލާމިކް ސަމިޓް ކޮންފަރެންސްގެ ޕްރީ ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިިން މިނިސްޓަރު ސައުދީ އަށް ފުރާވަޑައިގެންނެވި އިރު، ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު މިހާރު ހުންނެވީ ޕްރިޕަރޭޓަރީ ސީނިއާ އޮފިޝަލްސް މީޓިންގައި ބައިވެރިވެ ވަޑައިގަތުމަށް ޖިއްދާ ގައެވެ. މިއީ 14 ވަނަ އިސްލާމިކް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ.
ޕްރިޕަރޭޓަރީ ސީނިއާ އޮފިޝަލްސް މީޓިންގައި، އޯއައިސީގެ 14 ވަނަ ބައްދަލުވުމުގައި ކުރަނެ މަސައްކަތްތައް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ ޑެކްލަރޭޝަން އާއި ފަލަސްޓީން އާއި އަލް ގުދުސްގެ މައްސަލާގައި ހައްލު ހޯދުމަށް ކުރާނެ މަސައްކަތްތަކާ ގުޅޭ ރިޒޮލިޔުޝަނެއް ޑްރާފްޓު ކުރުމެވެ.
މީގެ އިތުރުން މާދަމާ ފަށާ އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުމުގެ އެޖެންޑާ ވެސް ވަނީ އެކުލަވާލައިފައެވެ.
ސާދަ ވަނަ އިސްލާމިލް ސަމިޓް އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު މައްކާގައެވެ.