23 Oct 2011, 15:48
ޝަރުއީ ދާއިރާ ރަނގަޅުކުރުމަށް ކަމަށް ބުނެ އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހު ކުރި މުޒާހަރާތަކާ ގުޅިގެން ހަރަކާތްތެރިވާން ޖެހޭ ވަރާ ގާތަށް ވެސް ފުލުހުން ހަރަކާތްތެރިވެފައި ނުވާ ކަމަށް ބުނެ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލަ ހުށައަޅަން ޕީޕީއެމުން ނިންމައިފި އެވެ.
ޕީޕީއެމްގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ތިން މެމްބަރަކާ މިއަދު ބައްދަލުކުރައްވައި މައިގަނޑު ތިން މައްސަލައެއް ހުށައަޅުއްވާފައިވާނެ ކަމަށާއި އެ މައްސަލަތައް ވަރަށް އަވަހަށް ލިއުމުން ވެސް ހުށައަޅުއްވާނެ ކަމަށެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށައަޅުއްވާނެ ކަމަށް މަހުލޫފު ވިދާޅުވީ ސުޕްރީމް ކޯޓް ދޮށަށް އެމްޑީޕީގެ މެމްބަރުން އެއްވެ، އެތަނަށް ފަނޑިޔާރުން ވެދެވަޑައިގަތަ ނުދީ ހިފެހެއްޓި އިރު އެކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ފުލުހުން ކޮށްފައި ނުވާ މައްސަލަ ކަމަށެވެ.
އަދި އަނެއް މައްސަލައަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ދިރިއުޅުއްވާ ގެކޮޅަށް ގެއްލުން ދިން އިރު އެކަން ހުއްޓުވުމަށް އެކަށީގެންވާ ގޮތެއްގައި ފުލުހުން މަސައްކަތް ކޮށްފައި ނުވާ މައްސަލަ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
ތިން ވަނަ މައްސަލައެއް ކަމަށް އޭނާ ވިދާޅުވީ ޣައްސާނަށް ފުލުހުން ސުވާލުކުރުމާ ގުޅިގެން ހަނު ހުންނެވުމުގެ ހައްގު ބޭނުން ކުރެއްވުމުން ދެ ވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރު ވެވަޑައިގަތުމަށް ޗިޓް ފޮނުވި މައްސަލަ އެވެ.
މަހުލޫފު ވިދާޅުވީ މީހަކު ހަނު ހުރުމުގެ ހައްގު ބޭނުން ކުރުމަށް ފަހު އަލުން ސުވާލު ނުކުރެވޭނެ ކަމަށެވެ.
ޝަރުއީ ދާއިރާ ރަނގަޅު ނޫން ކަމަށް ބުނެ، އެމްޑީޕީން ކުރި މުޒާހަރާތަކުގެ ހިތި ބޭސް ރައީސް ނަޝީދު ހިއްޕަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް މަހުލޫފު މިއަދު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރަށް ޕްރެޝާ ކުރުމަށް ކުރާނެ ވަކި ކަމެއްގެ ވާހަކަ އޭނާ ވިދާޅެއް ނުވެ އެވެ.
" އެމްޑީޕީން މިހިންގި ކަންތައްތަކުގެ ހިތި ބޭސް ރައީސް ނަޝީދު ހިއްޕަވަން ޖެހިވަޑައިގަންނަވާނެ، " މަހުލޫފު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ފަނޑިޔާރު ގެތަކާއި ފަނޑިޔާރުން ހިމާޔަތް ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ޕީޕީއެމުން ކުރާނެ ކަމަށާއި އެގޮތުން ކުރާނެ ކަންތައްތައް މިއަދު އޮންނަ އެޕާޓީގެ ކައުންސިލުން ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.