ކުރިއަށް އޮތް ކޮޕާ އެމެރިކާގެ މުބާރާތް މިފަހަރު ބްރެޒިލްގައި ބާއްވަން ހަމަޖެހިފައިވާ އިރު، އެ ގައުމުގެ ކެޕްޓަންކަން ކުރާނީ ނޭމާ ޖޫނިއާގެ ބަދަލުގައި ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސް ކަމަށް ޓީމުން ބުނެފި އެވެ.

ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ހިތްދަތި ގޮތަކަށް ބެލްޖިއަމް އަތުން ބްރެޒިލް ކަޓައިގެން ދިޔައިރު އެ މުބާރާތުގައި ބްރެޒިލްގެ ކެޕްޓަންކަން ކޮށްފައި ވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ ޖޫނިއާ އެވެ. ނަމަވެސް އެ މުބާރާތުގައި އޭނާއަށް ވަނީ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެ ގިނަ ބައެއްގެ ފާޑު ކިއުންތަކެއް ވެސް އަމާޒުވެފަ އެވެ.

ގިނަ ބަޔަކު ބުނާ ގޮތުން ނޭމާގެ ގަައިގައި ހުނަރު ހުރި ނަމަވެސް ޓީމެއްގެ ކެޕްޓަނެއްގެ ކިބައިގައި ހުންނަން ޖެހޭ އިސްނެގުންތެރި ކަމާއި ކެރުންތެރިކަން ނޭމާ ގަޔަކު ނެތެވެ. ނަމަވެސް ބްރެޒިލްގެ ޓީމުގައި އެކަމަށް ގާބިލް ގިނަ ބަޔަކު ތިބި ކަމަށް އެ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިން ވެސް ވަނީ ބުނެފަ އެވެ.

ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ކޮޕާ އެމެރިކާގައި ކެޕްޓަން ކަން ކުރުމާ ބެހޭ ގޮތުން ޓީމުގެ ކޯޗު ޓިޓޭއާއި ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދެއްކުމަށް ފަހު ނިންމީ އުމުރުން 36ގެ ޑެނީ އަލްވޭސްއަށް އެ މަގާމު ހަވާލު ކުރުމަށެވެ.

ބްރެޒިލް ވަނީ މިހާތަނަށް އަށް ފަހަރަކު އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ފަހަކަށް އައިސް އެ ޓީމުން މި މުބާރާތުގެ ރަނގަޅު ހިސާބަކަށް ދަތުރު ކުރެވިފައެއް ނުވެ އެވެ. އެންމެ ފަހުން އެ މުބާރާތް 2016 ގައި އޮތް އިރު ބްރެޒިލް ވަނީ ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފަ އެވެ.

މިފަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ޖޫން 14 ގަ އެވެ. ސައޯ ޕޯލޯގައި ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގައި ބައްދަލު ކުރާނީ ބްރެޒިލްއާއި ބޮލީވިއާ އެވެ.