28 May 2019, 10:34
ޕީޕީއެމް އިން މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކަށް ގައުމީ އެއާލައިން މޯލްޑިވިއަންއަށް ދައްކަން ޖެހޭ، 3.8 މިލިއަން ރުފިޔާ އެ ޕާޓީއިން ދައްކައި ހަލާސްކޮށްފި އެވެ.
އެ ފައިސާ ދެއްކުމަށް އެކި މުއްދަތުތައް ދިން ނަމަވެސް، ޕީޕީއެމްއިން ފައިސާ ނުދައްކައިގެން މޯލްޑިވިއަން އިން ވަނީ އެ ޕާޓީ ގޮވައިގެން ކޯޓަށް ވެސް ގޮސްފަ އެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޕީޕީއެމް އިން ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ އެ ޕާޓީއިން އިއްޔެ ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.
ޕީޕީއެމްގެ ދަރަނި ހަލާސްމި ކުރީ، މިދިޔަ އަހަރުގެ ބަޖެޓުން އެ ޕާޓީއަށް ދޭން ޖެހޭ، 8.6 މިލިއަން ރުފިޔާ ހިފެހެއްޓުމަށް ފަހު ދޫކޮށްލި ފަހުން އެވެ. އެ ފައިސާ ލިބިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ޕީޕީއެމް އިން މީގެ ކުރިން ވެސް ބުނެފައި ވަނީ، އެ ޕާޓީގެ ދަރަނިތައް ހަލާސް ނުކުރެވިގެން އުޅެނ ބަޖެޓުން ޕާޓީއަށް ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށެވެ. އަދި އެ ފައިސާ ލިބުނުހާ އަވަހަކަށް ދަރަނި އަދާކުރާނެ ކަމަށެވެ.