މި އަހަރު ނިމުމުގެ ކުރިން އަމިއްލަ ޕްރޮޑަކްޝަން ހައުސް އަކާ އެކު ޕްރޮޑިއުސަރެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް ބޮލީވުޑް ބަތަލާ ކެޓްރީނާ ކައިފް ބުނެފި އެވެ.

ކެޓްރީނާ ފިލްމެއް ޕްރޮޑިއުސް ކުރުމަށް މަސައްކަތް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެގޮތުން އޭނާ ވަނީ ފްރެންޗް ފިލްމު 'ހީ ލަވްސް މީ.. ހީ ލަވްސް މީ ނޮޓް'ގެ ހިންދީ ރީމޭކް އެއް ހެދުމަށް ފިލްމުގެ ރައިޓްސް ގަނެފަ އެވެ.

ނަމަވެސް ދިމާވި ބައެއް މައްސަލަތަކާ ހެދި، ފިލްމުގެ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ އެވެ.

އެހެން ނަމަވެސް މިހާރު މައްސަލަތައް ހައްލުވެފައިވާ ކަމަށް ކެޓްރީނާ މިވަނީ ބުނެފަ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު 'ބާރަތު'ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން ކެޓްރީނާ ބުނީ ފިލްމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

އަދި އަމިއްލަ ޚިޔާލުތަކާ އެކު ފްރެންޗް ފިލްމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

"އަހަރެން ވަރަށް ގަޔާވި ވާހަކައެއް އެއީ. އެހެންވީމާ ބޭނުން އެ ފިލްމުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި އަހަރެންގެ ނަން ޖަހަން. އަދި ކުރިއަށް އޮތް ތަނުގައި އަހަންނަށް ކަމުދާ ސްކްރިޕްޓުތައް ޕްރޮޑިއުސް ކުރަން ވެސް،" ކެޓްރީނާ ބުންޏެވެ.

އެ ފިލްމު ޕްރޮޑިއުސް ކުރުމުގެ އިތުރުން ކެޓްރީނާ ވަނީ ފިލްމުގައި އެކްޓަރެއްގެ ގޮތުން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ.

ކެޓްރީނާ ޕްރޮޑަކްޝަނާ ދިމާލަށް މިސްރާބު ޖަހައިފައިވާ އިރު ބޮލީވުޑްގެ އެންމެ އުހުގައި މިވަގުތު ތިބި އެކްޓަރުން ކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ، ދީޕިކާ ޕަދުކޯން، އަދި އަނުޝްކާ ޝަރްމާ ފަދަ ތަރިން އަންނަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްތައް ފަށައި، އެ ބެނާގެ ދަށުން ފިލްމު ޕްރޮޑިއުސް ކުރަމުންނެވެ.