ވޭތުވެ ދިޔަ އަހަރުގެ ސާފު ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގައުމީ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލް މި ސީޒަނުގައި ފުރަތަމަ ޑިވިޝަނުން އަލަށް ފެންނާނެ ދަ ގްރާންޑޭއަށް ސޮއި ކޮށްފި އެވެ.

އެކި އެކި ކުލަބުތަކާ އެކު މަޝްވަރާ ކުރުމަށް ފަހު ފައިސަލް ދަ ގްރާންޑޭއާ ގުޅުމަށް ނިންމި އިރު އޭނާ ވަނީ މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑެތި ކްލަބުތަކަށް ވެސް ކުޅެ، ގިނަ ކޯޗުންތަކެއްގެ އިތުބާރު ހޯދައިފަ އެވެ.

ގައުމީ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލް --- ފޮޓޯ/ އެފްއޭއެމް

އެގޮތުން ފައިސަލް ރަސްމީކޮށް ފުޓުބޯޅަ ހަޔާތް ފެށީ އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް) އިންނެވެ. އެއަށް ފަހު އޭނާ ވަނީ ވިކްޓަރީ އާއި ވެލެންސިއާ އަދި އީގަލްސް އަށް ވެސް ކުޅެފަ އެވެ. ފައިސަލް އެންމެ ފަހުން ސީޒަނުގައި ކުޅުނީ ނިއުރޭޑިއަންޓަށެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލް ކީޕަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ އިމްރާން މުހައްމަދު 17 އަހަރަށް ފަހު ގައުމީ ޓީމުން ރިޓަޔާ ކުރުމާ ގުޅިގެން އޭނާ ނެތްތައް ފޫބައްދަމުން މިހާރު އަންނަނީ ފައިސަލް އެވެ. އެގޮތުން ފައިސަލް ވަނީ އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އިން ހޯދި އިރު ތަފާތު މޮޅު ކުޅުމެއް މުބާރާތުގައި ދައްކައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. ފުޓުބޯޅަ މުބާރާތެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ކީޕަރަކަށް ލިބުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުލަބުތަކުން ގިނަ ކުޅުންތެރިންނެއް ގަނެ ފަރިތަކުރުންތައް މިހާރު ވަނީ ފަށައިފަ އެވެ. ފުރަތަމަ ޑިވިޝަނަށް މުޅިން އަލަށް ކޮލިފައިވި ދަ ގްރާންޑޭ ވެސް ވަނީ މި ޓްރާންސްފާ މާކެޓުގައި އެ ޓީމަށް ތަޖުރިބާކާރު ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ.

އެގޮތުން މުހައްމަދު ރަޝީދު (ހޮކޭ) އާއި މިދިޔަ އަހަރު އިންމަގެ ކޯޗުކަމުގައި މާޒިޔާ އަށް ކުޅުނު ޔަސްފާދު ހަބީބު (މުލަކޭ) އާއި އަހުމަދު އިމާޒް (އާއްކޮ) އަދި ޓީސީއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒުވާން ޑިފެންޑަރު މުރުތައްލާ އަދުނާން (މުރޫ) ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.

މި ސީޒަނުގައި ދް ގްރާންޑޭއަށް ކޯޗުކަން ކޮށްދިނުމާ ހަވާލުވެފައި ވަނީ އިސްމާއިލް މަހްފޫޒް (އިންމަ) އެވެ.