ފާއިތުވި މަހު ރާއްޖޭގެ އިންފްލޭޝަން 0.40 ޕަސެންޓަށް އުފުލިއްޖެ އެވެ.

ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ އޭޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޭޕްރީލް އިން ފެށިގެން މި އަހަރުގެ އޭޕްރީލާ ހަމައަށް އިންފްލޭޝަން ރޭޓް ވަނީ 0.8 ޕަސެންޓަށް މައްޗަށް ގޮސްފަ އެވެ.

މި ބަދަލު އައިސްފައި ވަނީ ރާއްޖޭގައި ތެލުގެ އަގު މަތިވުމާ ގުޅިގެންނެވެ. ތެލުގެ އަގު އުފުލުމަކީ ތަކެތީގެ އަގު ބޮޑުވެ، އިންފްލޭޝަން އުފުލޭ މައުގަނޑު ސަބަބެވެ.

އޭޕްރީލް މަހު މައިގަނޑުގޮތެއްގައި އަގު އުފުލިފައި ވަނީ މޭވާ (21.68 ޕަސެންޓު) ކެފޭ ރެސްޓޯރެންޓުތައް(4.24 ޕަސެންޓު)، ސައިކަލު (7.35 ޕަސެންޓު)، ގެދޮރު ސާފުކުރުމާއި ބެލެހެއްޓުމުގެ ބައިން (0.62 ޕަސެންޓު) އަދި ގޭގެ ކުއްޔާއި (0.04 ޕަސެންޓު) ޕާނާއި ސީރިއަލްގެ ބައިން (0.11 ޕަސެންޓު) ނެވެ.

މީގެ އިތުރުން މަހާއި (8.9- ޕަސެންޓު) ތަރުކާރީ (3.64- ޕަސެންޓު)، ވީޑިއޯ އާއި އޯޑިއޯ ރިކޯޑު ކުރުމަށް ބޭނުންކުރާ އާލާތްތައް (3.86- ޕަސެންޓު)، ގޯތިގެދޮރުގައި ބޭނުންކުރާ ހަރު މުދާ(1.35- ޕަސެންޓު)، ކިރާއި ޗީޒް އަދި ބިހުގެ ބައިން (0.17- ޕަސެންޓު) ނާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަކެއްޗާއި (2.11- ޕަސެންޓު) އެއްގަމު މަހުގެ ބައިން (0.58- ޕަސެންޓު) ވަނީ އަގުތައް ދަށަށް ގޮސްފަ އެވެ.

މި ތަފާސްހިސާބުތައް ދައްކާ ގޮތުން މުޅި ރާއްޖެއިން އެންމެ ބޮޑަށް އަގުތައް މައްޗަށް ގޮސްފައި ވަނީ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓުގެ ބައިންނެވެ. އަދި އަގު އެންމެ ދަށަށް ގޮސްފައި ވަނީ ކަނޑުމަހުގެ ބައިންނެވެ.