28 May 2019, 11:23
އައިޖީއެމްއެޗްގައި ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގައި ހަރުކޮށްފައިވާ ބޯޑުތަކުގައި ދިވެހިން ލިޔެފައިވާ ލަފުޒުތަކުން ވާއެއް ނުވާއެއް ނޭނގި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފި އެވެ.
މި މަހުގެ ތެރޭގައި ހިދުމަތް ދޭން ފެށި ދަރުމަވަންތަ ހޮސްޕިޓަލްގެ، "ސްމޯކް ސްޓޮޕް ލޮބީ" އަށް ދީފައިވާ ނަމަކީ، "ދުން މަތަ ލޮބީ" އެވެ.
ސްޓްރައިލް ކޮރިޑޯ ދިވެހިކޮށް، ބޮޑު އަކުރުން އެ ކޮޓަރީގެ ބޭރުގައި ޖަހާފައިވާ ނަމަކީ، "އަގީމު ސަރައްކާލި" އެވެ. އަދި އެއްޗިހި ދޮވެ ސާފުކުރުމަށް ފަހު ތަކެތި ރައްކާ ކުރާ ކޮޓަރީގެ ބޭރުގައި ޖަހާފައި ވަނީ، "އަރެސް ދޮވެ ބަހައްޓާ ކޮޓާރު" މިހެން އެވެ.
އެ ނަންތަކާ ހުރެ ހޮސްޕިޓަލުން ހިދުމަތް ހޯދަން އުނދަގޫވާ ކަމަށް ބުނެ އެ ލަފުޒުތަކަށް ކިޔާ ފާޑުކިޔުންތައް މި ވަނީ ވަރަށް ވެސް ބޮޑުވެފަ އެވެ.
ހެލްތް މިނިސްޓަރުކަން ކުރެއްވި އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ، އަހުމަދު ޖަމްޝީދު ވިދާޅުވި ގޮތުގައި އެ ނަންތަކާ އެކު ދިވެހި-އިނގިރޭސި ޑިކްޝަނަރީ އެޕެއް ބަހުގެ އެކަޑަމީއިން ތައާރަފްކޮށްގެން މެނުވީ އެ ބަސްތައް ފަހުމެއް ނުވާނެ އެވެ. އެ ނޫން ގޮތަކަށް، ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް އެތަންތަން ދެނެގަންނާނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިނގިރޭސި ބަސް ނޭނގޭ މީހަކު މިތަންތަން ދެނެގަންނާނީ ކިހިނެއްބާ؟" ޖަމްޝީދު ސުވާލުކުރެއްވި އެވެ.
ތަންތަނަށް ނަން ކިޔުމުގައި ދިވެހި ލަފުޒުތައް އުފައްދަނީ ބަސްއެކަޑަމީއިން އެވެ.
ޓުވީޓާގައި އެ ބަސްތަކާ މެދު ހިޔާލު ފާޅުކުރި ގިނަ މީހުން ބުނީ މިއީ ހަގީގަތުގައިވެސް ދިވެހިބަސްތަކެއް ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. ގިނަ މީހުންގެ ހިޔާލުގައި އާންމުކޮށް މީހުން ހިދުމަތް ހޯދަން ގޮސް އުޅޭ ތަންތަނުގައި ފެންނާނެހެން ޖަހަން ވާނީ، އާންމު ދިވެހިންނަށް ވެސް އިނގޭ ބަސްބަހެވެ. ދިވެހިންނަށް ފަރިތަ ލަފުޒު ތަކެވެ.
ތަފާތު އިނގިރޭސި ބަސްތަކަށް ސީދާ އަމާޒުކޮށް ދިވެހި ލަފުޒުތައް ހަދަމުން ދާތީ، ދިވެހިބަހުގެ އެކެޑަމީއަށް އަބަދުވެސް ފާޑުކިޔުން އަމާޒުވެ އެވެ.
ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް އަދި އިސްލާމިކް މިނިސްޓްރީގެ ލެކްޗަރާ އަލާ ދީދީ ކުރެއްވި ޓްވީޓެއްގައި އެ ބަސްތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ، އެ ބަސްތަކުން އެޔެއް މިއެއް ވަކި ނުވާ ކަމަށެވެ. އެއްޗެއް ފަހުން ވުމުގެ ބަދަލުގައި މި ބަސްތަކުން އިތުރަށް އޮޅުން ބޮޅުންވަނީ އެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދިވެހި ބަސްދެކެ މީހުން ފޫހިވެ ބަހާ ދުރަށް ޖެހުމުގެ ސަގާފަތެއް އުފެދިދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ސޯޝަލް މީޑިއާއަށް މީސްމީޑިއާ، ޑްރެގަންފްރުޓަށް "ޕިތާޔާ"، ވިސްލްބްލޯވިންގްއަށް "ފާށާކުރުން" އަދި ބްރިޖަށް "ދާލަން" ފަދަ، ބަސް ތަކަކީ، ފުރަތަމަ ފަހަރަށް އަޑުއަހާލަން އަދި އާންމުކޮށް ބޭނުންކުރުމަށް އުނދަގޫ ބަސްތަކަކަށް އޮންނަނީ ވެފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ހަރުކުރި ބޯޑުތަކުގައި ލިޔެފައިވާ ދިވެހި ލަފްޒުތަކާ ބެހޭގޮތުން ބަހުގެ އެކަޑަމީން ބުނީ މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި ބައެއް ބޯޑުތަކުން ފެންނަ އައު ލަފުޒުތަކަކީ އައިޖީއެމްއެޗްގެ އެދުމަކަށް ބަސްކޮމެޓީގެ ފަންނީ ކޮމެޓީން އެ ހޮސްޕިޓަލަށް ގޮސް އެތާ ތިބެ ކޮށްދިން މަސައްކަތުން އުފަންކުރުވި ލަފްޒުތަކެއް ކަމަށެވެ.
ސްޓެރައިލް ކޮރިޑޯއަށް ދީފައިވާ ދިވެހި ނަން "އަގީމު ސަރައްކާލި" އާ ބެހޭގޮތުން އެކަޑަމީން ބުނީ ދިވެހި ލަފުޒެއް ހަދަން ބެލި އިރު، ސްޓެރައިލް ކޮރިޑޯ އަކީ އިނގިރޭސި ބަހުގެ ދެ ލަފުޒެއް އެއްކޮށްގެން ހަދާފައިވާ ނަމެއް ކަމަށެވެ. އެހެންވެ، ބެލީ ސްޓެރައިލް އާއި ކޮރިޑޯއާ އެއްކޮށްލީމާ އޮންނަ ދިވެހި ލަފުޒެއް ހެދުމަށް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
"އޭގެތެރެއިން ކޮރިޑޯގެ މަފުހޫމު އަދާކުރާ ލަފުޒެއް މުނިކާފައި ޒަމާނުއްސުރެ ދިވެހި ބަހުގައި އޮވެއެވެ. އެއީ "ސަރައްކާލި"އެވެ،" ބަހުގެ އެކަޑަމީން ޓުވީޓާގައި ލިޔެފައިވެ އެވެ.
އެކަޑަމީން ބުނީ ސްޓެރައިލްގެ މާނަ އޮންނަ ލަފުޒެއް ދިވެހި ބަސްކޮށާރުގައި ނެތުމުން ދުނިޔޭގެ އެހެން ބަސްބަހުގެ ބަސްވާރުން ވެސް ކަންކުރާ ހަމައިން ބޮރޯވިންގެ އުސޫލުން ލޯނުބަހެއް ގެންނަން ޖެހުނީ ކަމަށެވެ.
އެގޮތުން ސަންސުކްރިތު ޕާލީ ސިންގަޅަ ތަމަޅަ ބަސް ބެލުމަށް ފަހު އަރަބި ބަސް ބެލުމުން ސްޓެރައިލްގެ ބަދަދަލުގައި ޢަޤީމު ބޭނުން ކޮށްފައި ވާތީ ފެނުމުން އެ ލަފުޒު ދިވެހި އަޑުތަކަށާއި ފުރޮޅުންތަކަށް ފައްތައިގެން އަގީމު ސަރައްކާލ ހެދީި ކަމަށް އެކަޑަމީން ބުންޏެވެ. އަދި ބުނީ މިއީ ދުނިޔޭގެ ކުރި އަރައިފައިވާ ބަސްބަހުގެ ބަސްވާރުން ވެސް ކަންކުރާ އުސޫލު ކަމަށެވެ.
އެކަޑަމީއިން ފަންނީ ޖަސްޓިފިކޭޝަނެއް ދިނަސް، ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮޓަރިތަކުގެ ބޭރުގައި ޖަހާފައިވާ ދިވެހި ލަފްޒްތަކަކީ މިއިން ދުވަހަކު ދިވެހިން އަޑުއެހި ނަންތަކެއް ވެސް ނޫނެވެ. މިފަދަ ހިދުމަތެއް ދޭ ތަނެއްގައި، ވާއެއް ނުވާއެއް ނޭނގޭ ލަފުޒުތަކެއް ބޭނުން ކުރުމަކީ އެންމެ މުނާސަބު ގޮތެއް ހެއްޔެވެ؟ މިކަމުގައި ދެވަނަ ވިސްނުމަކަށް ދާން ޖެހެނީ މި ސުވާލު ފެންމަތިވާތީ އެވެ.