ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ގަލޮޅު ދެ ގެއަކުން މަސްތުވާތަކެއްޗާއެކު 37 މީހަކު ހައްޔަރު ކޮށްފިއެވެ.

މި މީހުން ހައްޔަރު ކުރީ އިއްޔެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ފުލުހުން މިރޭ ބުނީ، 37 މީހުންގެ ތެރެއިން 12 މީހަކާއި ދެ ކުޑަ ކުދިން ހައްޔަރު ކުރީ ގ. ޕެލިސަން ގެއިން ކަމަށެވެ. އަދި 24 މީހަކު ހައްޔަރު ކުރީ، ގ. މެމޮރީ ވިލާއިން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ގ. ޕެލިސަން ގެއާއި ގ. މެމޮރީ ވިލާގެ ބަލައި ފާސް ކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި އަޅާފައި ހުރި 81 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި ދެގެއަކީވެސް ފުލުހުންނަށް ނުވަދެވޭނެ ގޮތަށް އިލެކްޓްރިކަލް އަދި މެކޭނިކަލް ލޮކް ސިސްޓަމް ހަރުކޮށްފައިވޭ. ދެ ގެއިންވެސް މަސްތުވާތަކެތި ގަނެގެން އޭގެ ބޭނުން އެ ގޭގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދީފައިވޭ،"

ފުލުހުން ބުނީ ދެ ގޭގައި ވެސް މަސްތުވާތަކެތި ބޭނުން ކުރާ ކުޑަކުދިންނާއި އަންހެނުން ޝާމިލް ވާ ކަމަށެވެ.

ގ. ޕެލިސަން ގެއިން ހައްޔަރު ކުރީ، 19 އަހަރާއި 42 އަހަރާ ދެމެދުގެ 11 ފިރިހެނުންނާއި 21 އަހަރުގެ ފިރިހެނެކެވެ. އަދި 17 އަހަރުގެ ދެ ކުޑަ ކުދިން ވެސް ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

ގ. މެމޮރީ ވިލާއިން ހައްޔަރު ކުރީ، 19 އަހަރާއި 42 އަހަރާ ދެމެދުގެ 24 ދިވެހި ފިރިހެނުންނެވެ.

"މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް 26 މެއި ގައި ހާޒިރުކުރުމުން މި މައްސަލައިގައި ހިމެނޭ ކުޑަ ދެކުދިން ފިޔައިވައި އެހެން މީހުން ތިން ދުވަހުގެ މުއްދަތެއް ދިފައިވޭ،" ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ގ. ޕެލިސަން ގެއާއި ގ. މެމޮރީ ވިލާގެ ބަލައި ފާސް ކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި އަޅާފައި ހުރި 81 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި މާލޭގެ ބައެއް ގެތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޒަމާނީ ވަސީލަތްތަކާއެކު މަސްތުވާތަކެތި ބޭނުންކުރުމަށް ހުރިހާ ޚިދުމަތެއް ދެމުން ގެންދާ ކަމަށެވެ. ގ. ޕެލިސަން ގެއާއި ގ. މެމޮރީ އަކީ އެފަދަ ދެ ގެއެވެ.