27 May 2019, 23:37
ކުރިއަށް އޮތް ތަނުގައިވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޮންނަ ގުޅުމަށް އެއްވެސް ބުރުމެއް ނާރާނެ ކަމަށާއި އަދި ތިއްބަވާނީ އެކުގައި ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސަކަށް އެމްޑީޕީން ހުށަހަޅާ ނަމެއް ފާސްކުރުމަށް މިރޭ ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އޮންނަ އެކުވެރިކމަށް ކުޑަކޮށްވެސް ބުރުލެއް ނާރާނެ ކަމަށެވެ.
"އަޅުގަނޑުމެން ދެމީހުންނަކީ ވަރަށް ގިނަ ދުވަހު އެކުގައި މައްސައްކަތް ކޮށްފައިވާ ދެމީހުން. އަޅުގަނޑުމެންނަކަށް އެއްވެސް ހާލެއްގައި އެއްވެސް ހުއްޓުމެއް ނާންނާނެ އެއްވެސް ދަތިކަމެއް ނާންނާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނާ ރައީސް ސޯލިހު ހުރިހާކަމެއްގައިވެސް އަބަދުވެސް މަޝްވަރާކުރައްވާ ކަމަށެވެ.
"އެންމެ ދުވަހެއްވެސް ނުދޭ ރައީސް ސޯލިހާ މަޝްވަރާ ނުކުރާ. އަބަދުވެސް ކޮންމެ ކަމެއްގައިވެސް ރައީސާ މަޝްވަރާ ކުރަން. ވަރަށް ބޮޑަށް އެދެން ހުރިހާ ބޭފުޅުންގެވެސް އެންމެ ބޮޑު އަމާޒަކަށް ވާންވީ ސަރުކާރުގެ ވައުދުތައް ފުއްދުން." ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީސް ހިންގާނީ ގަވައިދާ ގާނޫނާ އެއްގޮތަށް ކަމަށާއި އަދި އިސްލާމްދީން ހިލާފު އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލިސް ހިނގަމުންދާނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ރާއްޖޭގ އާންމު ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން. އަދި 19 ވަނަ މަޖިލީހަކީ އިރާދަކުރެއްވިއްޔާ ތަފާތު މަޖިލީހަކަށް ހެދުމަށް އަދި އެޖެންޑާ 19 އަށް ވަރަށް ގިނަ ރައްޔިތުން ވޯޓު ދެއްވައިފައިވަނީ ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް އިރާދަކުރެއްވިއްޔާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ހިންގޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިނދެ މަޖިލިސް ހިންގާނީ ސިޔާސީ ގޮތުން ވާދެވެރިވާ ގޮތަށް ފުރުސަތުދީގެން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އަދި ރައީސް ސޯލިހަކީ ޒަމާންވީ ގާތް އެކުވެރިންނެވެ. ސިޔާސީ މައިދާނުގައިވެސް މިހާތަނަށް މަސައްކަތް ކުރައްވާފައިވަނީ އެއްކޮށެވެ.
މަޖިލީހުގެ ރައީސްގެ ވޯޓު ނެގުމުގެ ކުރިން މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާ ގޮތަށް އޮތީ މުހައްމަދު އަސްލަމާއި ހަސަން އަފީފު އެވެ.
މިރޭ ކުރިއަށް ދިޔަ ވޯޓުގައި މަޖިލީހުގެ ރައީސްކަމަށް ނަޝީދު ހޮވިވަޑައިގަތީ ވަޑައިގެން ތިއްބެވި ބޭފުޅުންގެ އިއްތިފާގުންނެވެ. އަދި ނާއިބުު ރައީސްކަމަށް ހޮވިވަޑައިގަތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ވޯޓު ދިނުމުގައި ބައިބައިވި ކަމަށާއި އަދި މަޖިލީހުގެ ރައީސްކަމުގެ މަގާމު ގަބޫލުކުރެއްވީ ޕާޓީގެ މެންބަރުން އެގޮތަށް އެދިވަޑައިގަތުމުންކަމަށެވެ.