28 May 2019, 00:04
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ސުޕަމެޖޯރިޓީ އެމްޑީޕީއިން ނެގުމަށް ފަހު ދެން ބޯމަތިވީ އެންމެ ބޮޑު އަދި ހޫނު ބަހުސަކަށް ވީ މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ ބޭފުޅަކާ މެދު ހިނގާ ދިޔަ ބަހުސްތަކެވެ. މި ރޭސް ހޫނުވެ، އެމްޑީޕީއިން ނުކުންނަން ނިންމި މެންބަރުން ކަމަށްވާ، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ވިލުފުށީ ދާއިރާގެ އިންތިހާބީ މެންބަރު އަފީފްއާ ދެމެދު ބޮޑު "ޑްރާމާ"އެއް ފެށުނީ އެވެ. ކޮންމެ ބޭފުޅަކަށް ވެސް ތާއިދު ކުރާ ޕާޓީގެ މެންބަރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ގުދޯގުދޯ ގޮވަން ފެށީ އެވެ. މި ބަހުސްގެ ހޫނާއި އުދާސް ބޮޑުވެ، ނަޝީދާއި ރައީސް ސޯލިހުގެ ރަހުމަތްތެރިކަމަށް ބުރޫ އަރާފާނެ ކަމުގެ ބިރު ވެސް ލައިގަތީ އެވެ.
މި ހުރިހާ ޝައުގުވެރި ޓްވިސްޓްތަކެއް އަފީފާއި އަސްލަމްގެ ޑްރާމާގެ ތެރެއަށް ވަދެ އެންމެން ވެސް މިރޭ ބަލަން ބޭނުންވެފައި ތިބީ މި ޑްރާމާގެ ނިމުން އަންނާނެ ގޮތެކެވެ. އެ ޑްރާމާގެ "ގްރޭންޑް ފިނާލޭ" އައީ، މިރޭ އެމްޑީޕީއިން މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ މެމްބަރު ހޮވަން ދަރުބާރުގޭގައި ބޭއްވި ބައްދުލުވުމެވެ. އަފީފާއި އަސްލަމްގެ ޑްރާމާގެ ނިމުމާ އެކު، މި ޑްރާމާގެ ސީކުއެލްތައް ނިކުމެ ސިޔާސީ މައިދާން އެ ފުއް މިފުށަށް ޖެހޭނެ ކަމަށް ވެސް އޮތީ ލަފާވެފަ އެވެ.
އެކަމަކު ކަން ހިނގައި ދިޔައީ އެކަކުވެސް ހީ ނުކުރާ ކަހަލަ ގޮތަކަށެވެ. މިރޭގެ ބައްދަލުވުމުގެ އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް، މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވަން ހަމަޖެހިފައި އޮތީ ހަމައެކަނި މުހައްމަދު އަސްލަމް އާއި ހަސަން އަފީފެވެ. އަސްލަމްއަށް ނަޝީދު ތާއީދު ކުރެއްވި އިރު އަފީފަށް ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެކަމާ ގުޅިގެން ޕާޓީގެ ތެރޭގައި އިންތިހާއަށް ބޮޑެތި ބައިބައިވުން އުފެދިފައި އޮތް އިރު، ގިނަ ބަޔަކު ހީކޮށްގެން ތިބީ އެމްޑީޕީއިން މި ޑްރާމާގެ ނިމުން އަންނާނީ އަސްލަމް ނުވަތަ އަފީފް ކުރި ހޯއްދަވައިގެން އެވެ.
އެހެން ނަމަވެސް، މިރޭގެ ފިނާލޭ ބެލުންތެރިންނަށް ދޫކޮށްލީ ބޮޑު "ޕްލޮޓް ޓްވިސްޓް" އެކެވެ. އެކަން އައީ މަޖިލީހުގެ ރައީސް ކަމަށް އަސްލަމްގެ ނަން އީވާ އަބްދުﷲ ހުށަހަޅައި، އެ ހުށަހުމަށް އިލްޔާސް ލަބީބު ތާއީދު ކުރެއްވުމަށް ފަހު އަސްލަމް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ހައިރާން ކުރަނިވި ގޮތަކަށް އަސްލަމް ވަނީ، ފަހަތަށް ޖެހިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ނަޝީދުގެ ނަން ހުށަހަޅުއްވައިފަ އެވެ.
އަސްލަމް އެ ނިންމުން ނިންމަވަން ޖެހުނު ސަބަބުތައް ތަފްސީލް ވެސް ކޮށްދެއްވި އެވެ. ދެ ރައީސުން ތަފާތު ދެ ބޭފުޅުންނަށް ތާއީދު ކުރައްވަން ނިންމެވުމުން ޕާޓީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާ ބެހޭގޮތުން އޭނާ ވާހަކަފުޅު ދެއްކެވި އެވެ. އަސްލަމްގެ ވާހަކަފުޅުން ދޭހަވީ ޕާޓީ ދެބައިވުމުން ސަލާމަތް ކުރެވެން އޮތީ މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ހޮވައިގެން ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމެވެ. އަސްލަމްގެ ވާހަކަފުޅު ނިމުމާ އެކު، ޕާލިމަންޓަރީ ގްްރޫޕުގެ ހުރިހާ މެމްބަރުން އެއް ރާގަކަށް އަތްތިލަބަޑި ޖެއްސެވި އެވެ.
ނަޝީދުގެ ނަން އަސްލަމް ހުށަހެޅުއްވި ނަމަވެސް، އެމަނިކުފާނު އެންމެ ފުރަތަމަ ތަނާޒުލުވެވަޑައިގެންނެވީ އެވެ. އެއާއެކު މެމްބަރު ރޮޒައިނާ އާއި އީވާ އަޑު ހަރުކޮށް އެ ހުށަހެޅުން ގަބޫލު ކުރެއްވުމަށް އާދޭހާ އެކު އަޑުއުފުއްލަވަމުން ގެންދެވީ އެވެ. އެ ނޫން ގޮތެއް ނެތް ކަމަށް އެބޭފުޅުން ހަޅޭފުޅުލައްވައި ވިދާޅުވި އެވެ.
ނަޝީދު ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް މަޖުބޫރުވީ އަސްލަމްގެ ހުށަހެޅުއްވުމަށް ވާދަވެރި ކެންޑިޑޭޓް އަފީފްވެސް ތާއީދު ކުރައްވައި ވާހަކަފުޅު ދެއްކެވުމުން އެވެ. އަފީފް ރައީސް ނަޝީދަށް އާދޭހާ އެކު ދެންނެވީ، އަސްލަމްގެ ހުށަހެޅުން ގަބޫލުކޮށް ހަމަނުޖެހުންތަކުން ޕާޓީ ސަލާމަތްކޮށްދެއްވުމަށް މަޖިލިސް ރައީސްގެ މަގާމު ގަބޫލުކޮށްދެއްވުމަށެވެ.
އަފީފްގެ އާދޭހުގެ އަޑު އިވުމުން އެ ދަނޑިވަޅުގައި ހައްދަވަންވީ ގޮތުގެ މަޝްވަރާ ހޯއްދެވުމަށް ނަޝީދު، އެމަނިކުފާނުގެ "ގާތް ރަހުމަތްތެރިއަކަށް" ގުޅުއްވުމަށް ޓަކައި ރިޔާސަތުން ފައިބައިވަޑައިގެން ބްރޭކެއް ނެންގެވި އެވެ. ނަމަވެސް، އެ ރަހުމަތްތެރިޔާ އަކީ ކޮން ބޭފުޅެއް ކަމެއް އެމަނިކުފާނު އޭރު ވިދާޅެއް ނުވެއެވެ. ފަހުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން ހާމަވީ އެމަނިކުފާނު އެ ގުޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުން ވަރަށް ގާތްކަމެވެ.
މަޝްވަރާ ހޯއްދެވުމަށް ފަހު ނަޝީދު ވަނީ އަސްލަމްގެ ހުށަހެޅުއްވުން ގަބޫލު ކުރައްވައި، ބައްދަލުވުމުގެ ރިޔާސަތުން ފައިބައިވަޑައިގެންފައެވެ. އެމްޑީޕީގެ ޗެއާމަން ހަސަން ލަތީފު ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު ވޯޓަށް އެހީ ނަޝީދުގެ ނަމަށެވެ. އެ ވޯޓުގައިރައީސް ނަޝީދު މަޖިލިސް ރައީސަކަށް ގެނައުމަށް ފާސްވީ ހާޒިރުވެ ވޯޓުދިން 64 މެމްބަރުންގެ އިއްތިފާގުންނެވެ. ރިޔާސަތުން އިއުލާން ކުރެއްވި މަޖިލިސް ރައީސް ކަމަށް އެމްޑީޕީގެ ނޮމިނޭޝަންއަކީ ނަޝީދު ކަމަށެވެ. އެއާ އެކު ނަޝީދުގެ ޝަރަފުގައި މެންބަރުން ކޮޅަށް ތެދުވެ، މުޅި ހޯލު ގުގުމައިގެން ދާވަރަށް އަތްތިލަބަޑި ޖެހި އެވެ.
ނަޝީދުގެ "ވަލްހަމްދުލިއްލާހި ވައްސަލާމް އަލައިކުމް" އިން ޖަލްސާ ނިންމާލި އިރު ދިވެހިރައްޔިތުން ތިބީ ދެ ލޯ ބޮޑުވެފަ އެވެ. އެފަދަ ސިޔާސީ ކަމެއް ދުވަހަކުވެސް ފެނުނުހޭ އެކަކު އަނެކަކު ސުވާލުކުރި އެވެ.
ސޯޝަލް މީޑިއާގައި އެކަމާ ގުޅިގެން މީހުން ދައްކަމުންދާ ވާހަކަތައް ނިކަން ޝައުގުވެރި އެވެ. ބައެއް މީހުން ބުނަމުން ދަނީ، މިއަދު ކަން ވެގެން ދިޔައީ މާ ދުރާލައި ރާވާފައި އޮތް ގޮތަށް ކަމަށެވެ.
ނަމަވެސް، އަނެއްބައި މީހުންގެ ހިޔާލު ތަފާތެވެ. ހިޔާލު ތަފާތުވާ މީހުން ބުނަނީ އެއީ ހަގީގަތުގައިވެސް އެ ދަނޑިވަޅުގައި އިތުރު ގޮތެއް ނެތިގެން އެމްޑީޕީއިން ނިންމި ނިންމުމެއް ކަމަށެވެ.
ނަޝީދު މަޖިލީހުގެ ރައީސަކަށް އަދި އީވާ މަޖިލީހުގެ ނައިބު ރައީސަކަށް ހޮވަން އެމްޑީޕީއިން ވިޕްލައިން ނެރުމުން މިހާރު އެ ދެބޭފުޅުން އެ މަގާމުތަކަށް ހޮވުމާ އެއްވަރެވެ. އެ ދެބޭފުޅުންނާއި ރައީސް ސޯލިހާ އާއިލީ ގޮތުން ގުޅުން އޮތުމަކީ ބައެއް މީހުން އެކަމާ ކަންބޮޑުވުން ފާޅު ކުރާ ކަމެކެވެ. އެއީ "އާއިލީ ވެރިކަން" ކަމުގައި ބައެއް މީހުން ސިފަ ކުރެއެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު އަހުމަދު ނާޒިމް އަބްދުއްސައްތާރުވެސް އެކަމާ ގުޅިގެން ސަމާސާ ކުރައްވައި ޓްވީޓު ކުރެއްވި އެވެ. އޭނާ ވިދާޅުވީ، އޭނާއަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ދެއްވުމަށެވެ.
މިދިޔަ ދެ ހަފްތާއެއްހާ ދުވަސް ތެރޭ އެމްޑީޕީއިން މި ކުޅުނު ޝައުގުވެރި ޑްރާމާ މިރޭ ނިމުމަކަށް މިއައީ އެންމެން ހައިރާން ކޮށްލުވައިފަ އެވެ. މުޅި ގައުމު އެ ޑްރާމާއެއްގެ ނިމުން ބަލަން ތިބި އިރު، މިއީ އެމްޑީޕީގެ މެންބަރުންނަށް އުފާވެރި ނިމުމެކެވެ. އަސްލަމާއި އަފީފްގެ ޑްރާމާ އެންމެ ފަހުން މިވީ އެދެބޭފުޅުންގެ ޑްރާމާއަކަށް ނޫނެވެ. މިވީ އަބަދުވެސް އެމްޑީޕީގެ ނުފޫޒު ގަދަ ރައީސް ނަޝީދުގެ ޑްރާމާއަކަށެވެ.