ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ލިވަޕޫލް އިން ކުރަމުންދިޔަ މަސައްކަތަށް ނޮވިޗް އިން ހުރަސް އަޅައި، އިތުރު މަސައްކަތްތަކެއް ކުރުމަށް މަޖުބޫރު ކުރުވައިފި އެވެ.

ވިގަން އެތްލެޓިކް ގެ މައްޗަށް ހޯދުނު ހަނި މޮޅާއެކު ނިއުކާސަލް ޔުނައިޓެޑް އިން ތިންވަނާގައި އޮތް ޗެލްސީ އާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރިއިރު، ވެސްޓް ބްރޮމް އިން ވަނީ ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އެސްޓަން ވިލާ ގެ މައްޗަށް ފަހަތުން އަރާ ކުރި ހޯދައިފަ އެވެ.
ލިވަޕޫލް ގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނު ނަމަވެސް މިހަމަލާތައް ނޮވިޗް ގެ ޑިފެންޑަރުންނާއި ކީޕަރު ޖޯން ރޫޑީ ވަނީ ދިފާޢު ކޮށްފައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިވަޕޫލް އަށް ލީޑު ހޯދައިދިނީ ކްރެއިގް ބެލަމީ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި ނޮވިޗް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ގްރޭންޓް ހޯލްޓް އެވެ. މިމެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން ނެވެ.

ވިގަން އެތްލެޓިކް ގެ މައްޗަށް ކުރި ނިއުކާސަލް އިން ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ. މިމެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ފެނުނީ ޔޯހާން ކަބަޔޭ ގެ ފަރާތުންނެވެ. މިމެޗުގައި ވިގަން ގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އެސްޓަން ވިލާގެ މައްޗަށް ފަހަތުން އަރާ ވެސްޓް ބްރޮމް އިން ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ވެސްޓް ބްރޮމްގެ ކީޕަރު ބެން ފޮސްޓާ ކުރި ފައުލަކާއި ގުޅިގެން އެސްޓަން ވިލާ އަށް ޕެނަލްޓީ އެއް ލިބިގެން ދިޔައެވެ. މި ޕެނަލްޓީ އެސްޓަން ވިލާ އަށް ކާމިޔާބު ކޮށްދިނީ ޑެރަން ބެންޓް އެވެ.

މެޗުގެ 35 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ކްރިސް ހާޑް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ކުށަކާއި ގުޅިގެން ވެސްޓް ބޮރޮމް އަށް ޕެނަލްޓީ އެއް ދީ ހާޑް އަށް ރަތް ކާޑު ދެއްކިއެވެ. ވެސްޓް ބްރޮމް އަށް ލިބުނު ޕެނަލްޓީ ނާކާމިޔާބުވީ ކްރިސް ބްރަންޓް އަތުން ނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ވެސްޓް ބްރޮމް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޯނަސް އޮލްސަން އެވެ. މެޗުގެ 57 ވަނަ މިނެޓުގައި ވެސްޓް ބްރޮމް އަށް ލީޑު ނަގައިދިނީ ޕޯލް ޝާނާ އެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ވެސްޓް ބްރޮމް ކުރީގައި އޮވެގެންނެވެ.

ބޮލްޓަން ވެންޑަރާސް ގެ އަމިއްލަ ސަޕޯޓަރުން ކުރިމަތީ ސަންޑަލޭންޑް އިން ވަނީ ކާމިޔާބު ހޯދާފައެވެ. މެޗުގެ ފުރަތަމަ ހާފު 0-0 ލަނޑުން އެއްވަރުވެގެން ނިމުނު ނަމަވެސް، މެޗުގެ 82 ވަނަ މިނެޓުގައި ސްޓެފަން ސެސެގްނަން ވަނީ ސަންޑަލޭންޑަށް ލީޑު ހޯދައިދީފައެވެ. މެޗުގެ އިތުރު ވަގުތު ކޮޅު ތެރޭގައި ސަންޑަލޭންޑަށް ލީޑު ފުޅާކޮށްދިނީ ނިކްލަސް ބެންޑްޓުނާ އެވެ. މިމެޗު ނިމުނީ 2-0 ލަނޑުން ސަންޑަލޭންޑް ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފުގައި ސްވަންސީ އިން ދެލަނޑުގެ ލީޑެއް ހޯދާފައި ވަނިކޮށް ވޮލްވްސް އިން ވަނީ ފަހު ހާފުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ސްވަންސީއަށް ޑެނީ ގްރަހަމް ލީޑް ނަގައިދިން އިރު، އެޓީމަށް މެޗުގެ 35 ވަނަ މިނެޓުގައި ލީޑު ފުޅާ ކޮށްދިނީ ޖޯ އެލަން އެވެ. މެޗުގެ 84 ވަނަ މިނެޓުގައި ކެވިން ޑޮއިލް ވޮލްސް ގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިންތާ ދެމިނެޓް ފަހުން ޖެމީ އޯ ހާރާ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މިމެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.