ޒުވާން އަދި ކުރިއަރަމުން އަންނަ މޭކަޕް އާޓިސްޓުންނަށް ހާއްސަކޮށްގެން ސަންއިން ގެނެސްދޭ "ގޮމަ" ސެގްމަންޓްގެ މި ހަފްތާގެ މެހެމާނަކީ މަރިޔަމް ނިޝާއެވެ.

ފޭސްބުކްއާއި އިންސްޓަގްރާމްގައި ގިނަ ބަޔަކަށް އޭނާ އެނގޭނީ "ބިއުޓީ އޮބްސެސްޑް"ގެ ނަމުންނެވެ. މޭކަޕް ކުރުމުގެ އިތުރަށް ބުރުގާވެސް އަޅުވަދޭ ނިޝާ އެންމެ ކުރާހިތްވަނީ އިންޑިއަން، އަރަބިކް ނުވަތަ ހެވީ ގްލޭމް މޭކަޕްތަކެވެ.

އެހެންނަމަވެސް މިއަދު އޭނާ ދައްކާދެނީ ވަރަށް ފަސޭހައިން ކޮށްލެވޭނެ ގްލޭމް މޭކަޕެކެވެ. އޭނާ ބުނާގޮތުން މި މޭކަޕް ހަމަ ކޮންމެ މީހަކަށްވެސް ކޮށްލެވޭނެއެވެ. އަދި މިއީ އެހާބޮޑަށް މޭކަޕް ކުރަން ބޭނުންނުވާ ފަރާތްތަކަށްވެސް ކަމުދާނެ ކަހަލަ ލުކްއެކެވެ.

ގިނަ އަދަދެއްގެ އާ މޫނުތަކެއް ތައާރަފްވަމުން އަންނަ މިދާއިރާގައި ކުރިއަށްދާން ގިނަ ގޮންޖެހުންތަކެއް ހުރިކަން ނިޝާ ވަނީ ފާހަގަކޮށްފައެވެ. މީހުންގެ ފަރާތުން ލިބޭ ކޮމެންޓްތަކާއި ބެހޭގޮތުން ނިޝާ ބުނީ މިހާތަނަށް ގިނައިން ހުރީ މުޅީންވެސް ރަނގަޅު ކޮމެންޓްތަކެއް ކަމުގައެވެ.

މަދުމަދުން ބުރުގާ އެޅުމާއި ބެހޭގޮތުން ބައެއް ނެގެޓިވް ކޮމެންޓްތައް ލިބުނު ކަމުގައިވިޔަސް އޭނާ އެ ހުރިހާ ކޮމެންޓްވެސް އުފަލާއެކު ބަލައިގަންނަ ކަމަށް ކަސްޓަމްސްގައި ވަޒީފާ އަދާ ކުރާ ނިޝާ ބުންޏެވެ.