27 May 2019, 17:21
މިހާރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ތ. އަތޮޅުގެ ހަ ރަށެއްގައި ފެންބޮޑުވެފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފި އެވެ.
މިހާރު ކުރައްމުން ދާ ވިއްސާރާއާ ގުޅިހެން މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެ މިއަދު ބޭއްވި ނުސް ވެރިންގެ ބައްދަލުވުމުގައި، އެ އެތަނުގެ ޑެޕިއުޓީ ޗީފް އެގްޒެކުއުޓިވް އުމަރު ފިކުރީ ވިދާޅުވީ، މިއަދު މެންދުރު ކުރަމުން ދިޔަ ވިއްސާރައިގައި ތ. އަތޮޅުގެ ހަ ރަށަކަށާއި ލ އަތޮޅުގެ ބައެއް ރަށް ރަށް ތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ. އެންމެ ބޮޑަށް ފެން ބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ތ. ގުރައިދޫ، ތ. އޮމަދޫ އަދި ލ. އިސްދޫއަށް ކަމަށް އުމަރު ވިދާޅުވިއެވެ.
އެގޮތުން ފެންބޮޑުވުމުގެ ސަބަބުން ތ. ގުރައިދޫގެ 10 ގެއަކަށާއި އޮމަދޫގެ ހަތް ގެއަކަށް ފެން ވަދެ ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރަށް އެކިވަރުގެ ގެއްލުން ތައް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ލ. އިސްދޫގެ ދެ ގެއަކަށް ވެސް ފެން ފަދެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

ޑީޒާސްޓާ މެންޖްމަންޓް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ވާހަަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވީ މިހާރު ފުލުހުންނާއި އެމްއެންޑީއެފް އަދި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ގުޅިގެން އެ ރަށް ތަކުގައި ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ލިބިފައި ހުރި ގެއްލުން އެނގޭނީ ފެން ހިދުމަށްފަހު އެސެސްމަންޓް ހެދުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްއެމްއެންޑީއެފް އިން މިހާރުވެސް ގޭގެގައި ވެލި ބަސްތާ ޖެހުމާއި ޕަމްޕް ގުޅައިގެން ފެން ހިންދުމުގެ މަސައްކަތް އެކި ރަށް ރަށުގައި ދަނީ ކުރަމުން،" އުމަރު ވިދާޅިވިއެވެ.
އުމަރު ވިދާޅުވީ، މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްތަކާއެކު އަތޮޅުތެރެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އަތޮޅުތަކުގެ ހާލަތު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.
ރަށު ފެންވަރުގައި ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑިޒާސްޓާ މެނޭޖްމަންޓްގެ ސީނިއާ ޕްރޮގްރާމް އޮފިސާ، ފަރޫޝާ އަލީ ނަސީރު ވިދާޅުވީ، ފެން ވަންނާނެހެން ބެލެވޭ ގެތަކުގައި ވެލި ބަސްތާ ފަދަ އެއްޗެހި ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބިންމަތީގައި ހުންނަ އަގުބޮޑެތި ސާމާނު ފެން ނުޖެހޭ ފަދަ އުސްތަނަކަށް ބަދަލު ކުރުމަށް އިރުޝާދު ދެއްވި އެވެ.
"ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކުރައްވާފައި. އެހެން ކަމުން ގުގުރުމުގެ ސަބަބުން ކަރަންޓް ސާމާނު ހަލާކު ވެދާނެ ފަދަ ތަކެތި ބޭނުން ނުކުރާ ނަމަ ނިއްވާލައިފައި ބެހެއްޓުން މުހިންމު،" ފަަރޫޝާ ވިދާޅުވިއެވެ.
މީގެ އިތުރުން ކަނޑު ދަތުރުފަތުރު ކުރައްވާ އިރު، މޫސުމަށް ސަމާލުވެ، އެންމެ ފަހުގެ މައުލޫމަތު ހޯދުމަށްފަހު ނޫނީ ނުފުރުމަށް ފަރޫޝާ އިލްތިމާސް ކުރެއްވި އެވެ.
މާލެ އަތޮޅާއެކު އަށް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު، މެޓް އޮފީހުން ވަނީ މިއަދު މެންދުރުފަހު 3:00 އިން ރޭގަނޑު 9:00 އަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން މޫސުން ކުރިއަށް އޮތް 24 ގަޑި އިރު ލަފާ ކުރެވޭ ގޮތް:
ރާއްޖޭގެ އެކިހިސާބަަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ. ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވޭ.
- ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ.
- ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ.
- ބޯކޮށް ވާރޭވެހި ، ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީވެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަން.