27 May 2019, 16:34
މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އަށް އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރިފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. (އއ. އދ. ވ. މ. ފ. ދ. އަދި ތ.) މި އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ، މިއަދު ހަވީރު 4:00 އިން ރޭގަނޑު 7:00 އަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ މިއަދު މެންދުރުފަހު 3:00އިން ރޭގަނޑު 9:00އަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ބުނިގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކި ހިސާބަަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
"ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ،" މެޓް އޮފީހުން ބުންޏެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެކަމަށް މެޓް އޮފީހުން ބުންޏެވެ.
ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީވެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
ދެކުނުގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެ، ބައެއް ގެތަކަށް ވަނީ ފެން ވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައެވެ.