27 May 2019, 16:53
ދިއްލީ (މެއި 27): އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް އަލަށް އިންތިހާބުވި 539 މެމްބަރުންގެ ތެރެއިން 43 ޕަސެންޓު މެމްބަރުންގެ ކުށުގެ ރެކޯޑު އޮތް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ސިޔާސީ އިސްލާހުތަކަށް މަސައްކަތް ކުރާ ނެޝަނަލް އިލެކްޝަން ވޮޗް އާއި އެސޯސިއޭޝަން ފޯ ޑިމޮކްރެޓިކް ރިފޯމްސް (އޭޑީއާރު)އިން ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއިން ދެއްކި ގޮތުގައި އަލަށް އިންތިހާބުވި 233 މެމްބަރުންގެ ޖިނާއީ މައްސަލަތައް ފާހަގަ ކުރެވިފައިވެ އެވެ. އެއީ 2004ގައި އޭޑީއާރުން އެދިރާސާތައް ފެށި ފަހުން ކުށުގެ ރެކޯޑު އޮތް އެހާ ގިނަ މެމްބަރުން އިންތިހާބުވި ފުރަތަމަ ފަހަރެވެ.
އެރިޕޯޓުގައިވާ ގޮތުން ޖިނާސީ މައްސަލަތައް އެކި މަރުހަލާތަކުގައި އޮތް މެމްބަރުންގެ ތެރޭގައި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އަށް ނިސްބަތްވާ 116 މެމްބަރުން ހިމެނެ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ މެމްބަރެއް ކަމަށްވާ ޕްރާގްޔާ ތަކޫރު ހިމެނެ އެވެ. ތާކޫރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރީ 2008 ވަނަ އަހަރު މަލެގޯންގެ މިސްކިތްތަކެއް ކައިރީ ދިން ބޮމުގެ ހަމަލާތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައެވެ. އޭނާ އާއި ބީޖޭޕީގެ އިތުރު 302 މެމްބަރުން މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރި އެވެ.
އަދި ކޮންގްރެސް ޕާޓީގެ 52 މެމްބަރުން ހޮވުނު އިރު އޭގެ ތެރޭގައި ކުށުގެ ރެކޯޑު އޮތް 29 މެމްބަރުން ހިމެނެ އެވެ.
މީގެ އިތުރުން އޭޑީއާރުގެ ރިޕޯޓުގައިވާ ގޮތުން މަރުގެ މައްސަލަތަކާ ގުޅުން ހުރި 11 މެމްބަރުންނާއި ރޭޕްގެ ތުހުމަތުކޮށްފައިވާ ތިން މެމްބަރުންވެސް ލޮކް ސަބާއަށް އިންތިހާބުވެފައިވެ އެވެ.
އިންޑިއާގެ ގާނޫނު އަސާސީގައިވާ ގޮތުން މަޖިލިސް މެމްބަރެއްގެ މައްޗަށް ކުށެއް ސާބިތުވެ، ދެ އަހަރު ނުވަތަ އެއަށް ވުރެ ބޮޑު ޖަލު ހުކުމެއް ކޮށްފި ނަމަ އެމެމްބަރަކު މަގާމުން ދުރު ކުރެވޭނެ އެވެ. އަދި ކެނޑިޑޭޓެއްގެ މައްޗަށް ދައުވާއެއް ކުރި ނަމަވެސް، ދައުވާ ސާބިތު ނުވާ ނަމަ އޭނާއަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ.